އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާ އިންޓަވިއު ކުރުމަށްފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން ވަނީ އޭނާއަށް 75 އިންސައްތައަށްވުރެ މަތިން މާކްސް ދެއްވާފައެވެ. އެއާއެކު އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ ތާއީދާއެކުއެވެ.
އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެކަންޏެވެ. އަދި އޭނާއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހަ ގަޑިއިރުގެ ކުރު މުއްދަތެއް ދިނުމަށްފަހު، އިއްޔެ އިރުއޮއްސި ހައެއް ޖެހިއިރު ވަނީ އެ ފުރުސަތު ބަންދުކޮށްފައެވެ.

ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ އިދާރާއިން ބުނީ ސިޔާސީ މަގާމެއް ފުރުއްވާ ބޭފުޅަކަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާތީ، އެ މަގާމަށް އަބްދުލްއަޒީޒް އައްޔަންކޮށްފިނަމަ މިހާރު ހުންނެވި މަގާމު ދޫކޮށްލުމަށް އޭނާ އިގުރާރުވެވަޑައިގެންފައިވާ ކަމަށެވެ. އަދި އޭނާގެ ޝަރުތު ފުރިހަމަވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ކޮމިޓީއަށް އަންގާފައެވެ.










ކިޔުންތެރިންގެ ހިޔާލު