ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ކަސްޓަމްސްއާ ގުޅިގެން ވެރިފިކޭޝަން ނިޒާމެއް ހަދަމުންދާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.
މި މަސައްކަތަކީ އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަރވެންޝަން ސިޔާސަތުގެ ދަށުން ބޭންކުތަކަށް ވިއްކާ ބޭރު ފައިސާ، ރާއްޖެއަށް ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
އެމްއެމްއޭއިން ވިދާޅުވީ ޓީޓީ މެދުވެރިކޮށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުން، އެ މުއާމަލާތާ ގުޅޭ މުދާ ރާއްޖެއަށް އެތެރެކުރާކަން ކަށަވަރުކުރުމުގެ ގޮތުން މި ވެރިފިކޭޝަން ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކަސްޓަމްސް ސަރވިސްއާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ޒަރޫރީ މުދާ އިމްޕޯޓްކުރާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ވެރިފިކޭޝަން ނިޒާމެއް ހަދަމުންދާއިރު މިއަހަރުގެ ޖަނަވަރީމަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް، ބީއެމްއެލްއިން 186 މިލިޔަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވެއެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިޔަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅާބަލާއިރު 12 މިލިޔަން ޑޮލަރު އިތުރު އަދަދެކެވެ. ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިޔަން ޑޮލަރު ބޭންކުން ވަނީ ފޯރުކޮށްދީފައެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް 2.7 މިލިޔަން ޑޮލަރެވެ.
ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމުގެ ގޮތުން، ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އަނެއްކާވެސް އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ 11 އޮގަސްޓުގައި ނިންމާފައެވެ. މިގޮތުން، އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު، ތިން ހަފްތާގެ މުއްދަތަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.










ކިޔުންތެރިންގެ ހިޔާލު