ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ރާއްޖޭން ބޭރު ކޮންޓްރެކްޓަރުން ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް 10 އިންސައްތައަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި މި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ކޮމިޓީ ރިޕޯޓަށް ވޯޓަށް އަހާފައިވެއެވެެ. މި ބިލު ފާސްކޮށްފައިނީ 54 މެމްބަރުންގެ ވޯޓުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.
ސަރުކާރުގެ ފަރާތުން “އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު” އަށް އިސްލާހު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ.

ސަރުކާރުގެ ފަރާތުން، މި ބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި، ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ، އަދި ވާދަވެރި މާހައުލެއް ގާއިމުކުރުމެވެ. މިކަން މިމަގަށް ކުރުމަށް ވިޔަފާރިކުރާ ފަރާތަކުން ރާއްޖޭން ބޭރު ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާ ނަމަ، ރާއްޖޭން ބޭރު ފަރާތްތަކުގެ ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި 10 އިންސައްތަ އުނިކުރުމަށް ޒަރީރު ވަނީ ހުށަހަޅައިފައެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ބޭރު ކޮންޓްރެކްޓަރުންގެ އަތުން ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި މިހާރު އުނިކުރަނީ ފަސް އިންސައްތައެވެ.
މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ނެގުނު ވިތުހޯލްޑިން ޓެކްސްގެ އަދަދަކީ، ވިތުހޯލްޑިން ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމަށް ބެލެވޭނެކަމަށް ވަނީ ބުނެފައެވެ. އަދި ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިހްތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ބައެއް ބާވަތުގެ ވިޔަފާރިތަކުން ނަގަނީ 10 އިންސައްތައިގެ ޓެކުހެކެވެ. ނަމަވެސް ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ އަތުން ނަގަނީ ފަސް އިންސައްތައިގެ ޓެކުހެކެވެ. ސަރުކާރުން މިއަދު އިސްލާހު ހުށަހެޅީ، ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ވެސް 10 އިންސައްތައިގެ ޓެކުހެއް ނެގުމަށެވެ.
މި އިސްލާހާއެކު އަހަރަކު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއީ ޑޮލަރުން ބަލާ ނަމަ 16 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.










ކިޔުންތެރިންގެ ހިޔާލު