މާލެ، މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގައި ރޭ ހިންގި މާރާމާރީއެއްގައި 19 އަހަރުގެ ދިވެހި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، މާފަންނު ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގާ ކަމުގެ މައުލޫމާތު އޮގަސްޓް 22 ވަނަ ދުވަހުގެ ރޭގަނޑު 23:00 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެމެއްގައި ރެސްޓޯރަންޓުގައި އިން އަންހެނަކަށް ފިރިހެނަކު ހަމަލާދީފައިވާ ކަމަށެވެ. މީގެ އިތުރުން، މި ހަމަނުޖެހުން ހުއްޓުވަން މަސައްކަތް ކުރި ބަޔަކަށްވެސް ހަމަލާދީ، ރެސްޓޯރެންޓްގެ ދޮރަށް ގެއްލުންދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

"މި މާރާމާރީގައި، އެތަނުގެ އަންހެން މުވައްޒަފެއްގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން ބޯ ދުޅަވެ އަނިޔާވެފައިވެއެވެ." ފުލުހުން ބުނެފައިވެއެވެ.

މައްސަލައިގައި 19 އަހަރުގެ ދިވެހި ފިިރިހެނަކު ހައްޔަރުކޮށްފައިވާއިރު، މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.