މި އަހަރުގެ ޖުލައި މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި 222.5 މިލިއަން ޑޮލަރު ހުރިކަން މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައިފިއެވެ.
މަހަކު އެއްފަހަރު މަރުކަޒީ ބޭންކުން އާއްމުކުރާ ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްގެ ހިސާބުތަކަށް ބަލާއިރު ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް 638 މިލިއަން ޑޮލަރު ހުއްޓެވެ. އޭގެ ތެރެއިން ބޭރުފައިސާ އެސެޓު ނުވަތަ ޑޮލަރުން ހުރީ 622.8 މިލިއަން ޑޮލަރެވެ.
އެއިން ސެކިއުރިޓީސްގެ ގޮތުގައި ހުރީ 216 މިލިއަން ޑޮލަރެވެ. ފައިސާއިން 406.2 މިލިއަން ޑޮލަރު ރިޒާވްގައި ހުއްޓެވެ. އެ ފައިސާގެ ތެރެއިން އެހެނިހެން ގައުމުތަކުގެ މަރުކަޒީ ބޭންކުތަކާއި ބީއައިއެސްއާއި އައިއެމްފްގައި ރައްކާކޮށްފައި ހުރީ 25.2 މިލިއަން ޑޮލަރެވެ. 381 މިލިއަން ޑޮލަރު ހުރީ ރާއްޖެއިން ބޭރުގެ ބޭންކުތަކުގައި ރައްކާކޮށްފައެވެ.

މަރުކަޒީ ބޭންކުގެ ހިސާބުތަކުން ފެންނަ ގޮތުން މާޗު މަހުން ފެށިގެން ރިޒާވްގައި ރަން ރައްކާކުރަން ފަށާފަައިވެއެވެ. ޖުލައި މަހުގެ ނިޔަލަށް ރަނުން 8.1 މިލިއަން ޑޮލަރު ރިޒާވްގައި ރައްކާކޮށްފައި ހުއްޓެވެ. 2013 ވަނަ އަހަރުން ފެށިގެން އެމްއެމްއޭއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ރިޒާވްގައި ރަން ރައްކާކުރަން ފުރަތަމަ ފަހަރަށް ފަށާފައިވަނީ 2026 ވަނަ އަހަރުގެ މާޗު މަހުއެވެ.
ރަސްމީ ރިޒާވް އެސެޓުގެ އިތުރަށް ރާއްޖޭގެ ބޭންކުތަކުގައި އެމްއެމްއޭއިން އިންވެސްޓުކޮށްފައި ހުރި ފައިސާގެ އަދަދު ޖުލައި މަހުގެ ނިޔަލަށް 118.5 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. މި ފައިސާއަކީ މަރުކަޒީ ބޭންކަށް ބޭނުންޖެހިއްޖެ ހާލަތުގައި ބޭނުންކުރެވޭ ގޮތަށް ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި ބޭރު ފައިސާއެވެ. އެހެންކަމުން ބޭރުފައިސާގެ ރަސްމީ ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ރިޒާވް ހިސާބުކުރަނީ މި ފައިސާވެސް ހިމަނައިގެންނެވެ.
ކުރިއަށް އޮތްް 12 މަހުގެ ތެރޭ މަރުކަޒީ ބޭންކުން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކުގެ ގޮތުގައި ރެކޯޑުކުރެވިފައިވާ 534.6 މިލިއަން ޑޮލަރު، ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި ރެކޯޑުކުރެވިފައިވާ 638 މިލިއަން ޑޮލަރާއި ރާއްޖޭގެ ބޭންކުތަކުގައި މަރުކަޒީ ބޭންކުން ބަހައްޓާފައި ހުރި 118.5 މިލިއަން ޑޮލަރުން އުނިކުރުމުން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ދައްކަނީ 222.5 މިލިއަން ޑޮލަރެވެ.
ރިޒާވްގެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ތާރީހުގައި ރަސްމީ ރިޒާވް އެސެޓުގެ އަދަދު 1.3 ބިލިއަން ޑޮލަރަށް އެރީ މި އަހަރުގެ މާޗު މަހުއެވެ. ނަމަވެސް އޭޕްރީލު މަހުގައި ބޮޑު ދަރަނި އަދާކުރުމަށްފަހު ރަސްމީ ރިޒާވް ދަށްވާން ފަށާފައިވެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިމްޕޯޓަށް ހިނގާ ހަރަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ރިޒާވްއަށް އޮތް ފިއްތުން އަންނަނީ ބޮޑުވަމުންނެވެ. ނަމަވެސް ކުރީގައި ރިޒާވް ހީނަރުވަމުންއައި ގޮތަށް ހީނަރުވަމުންނުދާކަން މާލީ ހިސާބުތަކުން ދައްކައެވެ.










ކިޔުންތެރިންގެ ހިޔާލު