ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބޭ ފައިސާގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް ނެތްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ، ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓުގައި ބުނެފިއެވެ.
އެ ރިޕޯޓުގައި ބުނެފައިވާގޮތުން ކުޅިވަރު ޖަމުއިއްޔާ ޖަމާއަތްތަކަށް، ފައިސާ ދޫކުރަނީ ހަތަރު ބުރަކަށް ބަހާލައިގެން، ކޮންމެ ކުއާޓަރަކު އެއްފަހަރުއެވެ. ކޮންމެ އެސޯސިއޭޝަނަކަށް މަދުވެގެން ފަސް ލައްކަ ރުފިޔާ ދޭން 2024 ވަނަ އަހަރު ނިންމާފައިވެއެވެ. މިގޮތުން ފައިސާ ދޫކުރުމުގައި ބަލަނީ ކުޅިވަރު އެސޯސިއޭޝަނެއްގެ ބޮޑު ކުޑަ މިނާއި، އެ ކުޅިވަރަކީ އިންޑިވިޖުއަލް ނުވަތަ ޓީމް ކުޅިވަރެއްތޯ ކަމަށާއި ދައުލަތުގެ ބަޖެޓުންދޭ ފައިސާއާ ގުޅިގެން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ޒިންމާއަކީ، ކުޅިވަރު ޖަމުއިއްޔާ ޖަމާއަތްތަކަށް ފައިސާ ދޫކުރުމުގައި، ކުޅިވަރާ ބެހޭ ވުޒާރާއަށް ލަފާއެރުވުންކަމަށް ރިޕޯޓުގައި ބުންޏެވެ. އެހެންކަމުން ކުޅިވަރާބެހޭ މަޖިލީހުން ވަކި ކަމަކަށް ހަރަދުކުރާނެ މިންވަރުތަކެއް ކަނޑައަޅައި، އެކަމަކަށް އެސޯސިއޭޝަންތަކަށް އިރުޝާދު ނުދޭނެ ކަމަށް ރިޕޯޓުގައިވެއެވެ.
މިވަގުތު ސަރުކާރުންދޭ ފައިސާގެ އެހީދެނީ ޕްރޮގްރާމް ބޭސްޑްކޮށްކަމުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ކުޅިވަރު އެސޯސިއޭޝަންތަކަށް ކޮންމެ ޕްރޮގްރާމެއް ނިމުމުން ރިޕޯޓު ހުށަހެޅުމަށް އަންގާފައިވާކަމަށާއި ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތިން، ކޮންމެ ކުއާޓަރަކު އެއްފަހަރު ދޫކުރުމަށް ކަނޑައެޅިފައިވާ ފައިސާ އެސޯސިއޭޝަންތަކަށް ދޫކުރުމަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ޒިންމާއެއް ކަމަށް ރިޕޯޓުގައިވެއެވެ.

ފައިސާ ހަރަދުކުރާގޮތުގެ ތަފްސީލީ މާލީ ބަޔާން ހުށަހެޅުމަކީ އެސޯސިއޭޝަންތަކުގެ ޒިންމާއެކެވެ. އެސޯސިއޭޝަންތަކުން ހުށަހަޅާ މާލީ ބަޔާން މޮނިޓާކުރުމަކީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ޒިންމާއެކެވެ. އެސޯސިއޭޝަންތަކުން، އަހަރީ ރިޕޯޓް ހުށަހެޅުމަށް ވަކި ނިޒާމެއް އެކުލަވާލެވި، ގަވާއިދުން ރިޕޯޓްތައް ހުށަހަޅަމުން ނުދާކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ރިޕޯޓް ހުށަނާޅައިފިނަމަ، 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، މި ގަވާއިދަށް އަމަލުކުރަމުން ނުދާކަން ފާހަގަކޮށްފައިވެއެވެ. އެސޯސިއޭޝަންތަކަށް ސަރުކާރުންދޭ ފައިސާގެ އިތުރުން ފައިސާ ލިބެނީ އެ ކުޅިވަރަކާ ބައިނަލްއަގުވާމީ ގޮތުން ގުޅިފައިވާ ކުޅިވަރު ޖަމުއިއްޔާތަކުން ދޭ ފައިސާ، ސްޕޮންސަރުގެ ގޮތުގައި ހޯދާ ފައިސާ، އަދި އެސޯސިއޭޝަންތަކުން އަމިއްލައަށް ހޯދާ ފައިސާއިންނެވެ. ރިޕޯޓުގައި ވަނީ ބައިނަލްއަޤްވާމީ ފަރާތްތަކުން ދޭ އެހީތަކަކީ ރަސްމީ ހައިސިއްޔަތަކުން ރެކޯޑްކޮށް ބެލެހެއްޓޭ މައުލޫމާތުތަކެއް ނޫން ކަމަށެވެ.
މީގެއިތުރުން ހިލޭ އެހީއާއި ސްޕޮންސާޝިޕް އަދި ޗެރިޓީގެ ގޮތުގައި ހޯދާ ފައިސާއާއި އެހީތައް ހަރަދުކުރާގޮތް ބަލައި ފާރަވެރިވާނެ ނިޒާމެއް ނެތުމީ އެސޯސިއޭޝަންތަކުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިނގުމަށް މަގުފަހިވާ ސަބަބެއްކަމުގައި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން އޭސީސީން ވަނީ، ކުޅިވަރު އެސޯސިއޭޝަންތަކާއި ޖަމިއްޔާތަކަށް ލިބޭ އެހީތަކާއި ހަރަދުތަކުގެ ތަފްސީލުތައް ކަމާބެހޭ ފަރާތްތަކަށް ހާމަކުރުން ގާނޫނީ ގޮތުން މަޖުބޫރު ކުރުމަށް ލަފާދީފައެވެ.








ކިޔުންތެރިންގެ ހިޔާލު