ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ބޭރުފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާހު ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މާލިއްޔަތު ކޮމިޓީން މި ބިލު އަލުން ދިރާސާކުރަން ފެށީ، ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރުމާ ގުޅޭގޮތުން އިއްޔެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލުމާ ގުޅިގެންނެވެ.
މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ރަސްމީކޮށް ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ބޭރުފައިސާ ވިއްކުމާއި ވިއްކަން މަސައްކަތްކުރުމަކީ މަނާކަމެކެވެ. އެފަދަ ކުށެއް ކުރާ ފަރާތްތައް 25,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މީގެއިތުރުން، އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ އަގުބޮޑުކޮށް ބޭރުފައިސާ ވިއްކަން އިޝްތިހާރުކުރުމާއި އެކަމަށް ހިތްވަރުދޭ ލިޔުންތައް ޑިޖިޓަލް ވަސީލަތްތަކާއި އެނޫންވެސް ޕްލެޓްފޯމްތަކުގައި ޝާއިއުކުރުމަކީ ވެސް ގާނޫނީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އެފަދަ އިޝްތިހާރެއް ކުރާ ފަރުދުން 25,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
މިފަދަ ކުށެއް ކުރުމުގައި ގާނޫނީ ޝަހުސެއް ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ޝާމިލުވާނަމަ، އެ ފަރާތެއް 100,000 ރުފިޔާއާއި 5,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށްވެސް އިސްލާހުގައި ވަނީ ހިމަނައިފައެވެ. ކަޅުބާޒާރުގައި ގަނެވިއްކުން މިހާރުވެސް މަނާކޮށްފައިވީ ނަމަވެސް، މި ބަދަލާއެކު އެކަން ތަންފީޒުކުރުމަށް ގާނޫނީގޮތުން އިތުރު ބާރެއް ލިބިގެންދާނެއެވެ.








ކިޔުންތެރިންގެ ހިޔާލު