ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ރާއްޖެ ހަދަން ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޝަރީޢަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ތިބެންޖެހޭ މީހުން ގިނަ ވުމަކީ އެތައް ބައެއްގެ ކަންބޮޑުވުންތަކެއް އޮތް ކަމެކެވެ. މިކަމަށް ހައްލު ހޯދައިދެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ސަރުކާރުގެ އެކި މަސައްކަތްތަކާއި ޤައުމުގައި ހުރި އިޖުތިމާޢީ އެކި ކަންކަމާ ގުޅޭގޮތުން މުހިންމު ނިންމެވުންތަކެއް ވަނީ ނިންމަވާފައެވެ. މީގެ ތެރެއިން އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ހުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމަވާފައިވާއިރު ޝަރީޢަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ތިބޭ މީހުން ނުވަތަ “ވާނުވާ ބަންދު” ގައި ތިބޭ މީހުންގެ އަދަދު އިތުރުވުމަކީ އެކި ޤައުމުތަކުގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލައަށް ހައްލު ހޯދައިދެއްވުމަށް ގިނަ ބަދަލުތަކެއް ގެންނަވާފައެވެ. ޝަރުޢީ ދާއިރާއަށް ސަރުކާރުތަކުން މިހާތަނަށް ނުފޫޒު ފޯރުވަމުން އައި އައުން ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މިކަން އެމަނިކުފާނު ކުރެއްވީ ޝަރުޢީ ދާއިރާއަށް ވަކި ބަޖެޓެއް ކަނޑައަޅުއްވައިގެންނެވެ.
މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، ވާނުވާ ބަންދުގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އެންމެންގެ މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އަދި ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކަށް އިންސާފުވެރި ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ އެކި މަންސަތަކުގައި ވިދާޅުވެފައެވެ.
މިފަދަ މައްސަލަތައް ކުރިއަށް ނުގޮސް ގިނަ ދުވަސްވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ޝަރުޢީ ދާއިރާއިން ފާހަގަކުރައްވާ ކަމަކީ ކޯޓުތަކުގެ، ޚާއްސަކޮށް ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމެވެ. އެކަން ހައްލުކުރުމަށް ޖަސްޓިސް ބިލްޑިންގެ އެނެކްސްއެއް ހުޅުމާލޭގައި ހުޅުވައި ކްރިމިނަލް ކޯޓުގެ މަސައްކަތްތައް އެ އިމާރާތައް ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ.
މި ބަދަލާއެކު ކްރިމިނަލް ކޯޓުން މައްސަލަތައް ނިންމާ އަދަދު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީންވެސް ފާހަގަކުރައްވައެވެ.








ކިޔުންތެރިންގެ ހިޔާލު