ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފެއްދި “ޗާޓާ އޮފް ދަ މަލްޓި ނެޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން” މުއާހަދާގައި ސޮއިކޮށް، އެ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ރުހުން ދީފިއެވެ.
މި އިއްތިހާދަކީ ގަލްފުގެ ގައުމުތަކުން ކަނޑު މަގުން މުދާ އުފުލުމުގައި ބޭނުންކުރާ މައި ކަނޑުއޮޅިތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި އެކުލަވައިލި ދިފާއީ ކޯލިޝަނެކެވެ. މިއީ ބާބުލްމަންދަބު ކަނޑުއޮޅި އާއި، ރަތްކަނޑު އަދި އަދަން ކަނޑުއޮޅީގެ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ބައިނަލްއަގުވާމީ ވިޔަފާރި ރައްކާތެރިކުރުމަށް އުފެއްދި އިއްތިހާދެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މުގައްރިރުކަން ކުރެއްވި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ރުހުން ދިނުމަށް ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. މި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އެކަކު ދެކޮޅަށް ވޯޓު ދެއްވިިއިރު، ހަ މެންބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވައި ތިއްބެވިއެވެ.

މި އިއްތިހާދުގައި ބައިވެރިވުމުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި، މި މުއާހަދާގައި ސޮއިކުރުމުގެ ސަބަބުން ދިވެހި ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވެވޭނީ ގާނޫނުއަސާސީގެ ދަށުން މަޖިލީހުން ފާސްކޮށްގެން ކަމަށްވާތީ ރުހުމަށް ހުށަހެޅުއްވީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އިތުރު 13 ގައުމަކާއެކު ޖުލައި 30 ގައި އުފެއްދި މި އިއްތިހާދުގައި ތުރުކީ، ކުވެއިތު، ބަހްރޭން، ގަތަރު، އުރުދުން، މިސްރު، ޕާކިސްތާން، ޖިބޫތީ، ސޯމާލިއާ، ބަންގްލަދޭޝް، ޔަމަން، ސޫދާން އަދި ކޮމޯރޯސް ހިމެނެއެވެ. މިއީ ސޫއޭސް ކެނާލް މެދުވެރިކޮށް ދުނިޔޭގެ ވިޔަފާރީގެ ބޮޑު ބައެއް ހިނގާ މައި ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވައިލި މުހިންމު ދިފާއީ ބަދަހިކަމެކެވެ.








ކިޔުންތެރިންގެ ހިޔާލު