ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްތައް ނިންމައި، އެ ނިޒާމު ޓެސްޓުކޮށް ކޮމިޝަންކުރުމުގެ މަސައްކަތް ބިނާރާއި، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަޝްރޫޢަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީއާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަސައްކަތް ޙަވާލުކޮށްގެން ކުރިއަށްދިޔައީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ލިމިޓެޑްގެ ޖޮއިންޓް ވެންޗަރއާއެވެ.
މި ނިޒާމު ޓެސްޓުކޮށް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށްދިޔައީ ނޭކުރެންދޫގައެވެ. މި މަސައްކަތުގައި ބިނާރާއި، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ޓެކްނިކަލް މުވައްޒަފުންގެ އިތުރުން، މަޝްރޫޢުގެ ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަން އަދި ނޭކުރެންދޫ ކައުންސިލުން ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ.

ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ފެން ޓެސްޓުކުރެވޭ އިކްއިޕްމެންޓްތަކާއެކު ލެބޯޓަރީއަކާއި އޮފީސް ޖާގައެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމުގެ ގޮތުން އެ އިމާރާތުގައި 30 ކިލޯވޯލްޓްގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.
ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އާރު.އޯ ޕްލާންޓުގެ އިމާރާތެއް ބިނާކޮށް، 2 ބޯހޯލް ތޮރުފައި، ދުވާލަކު 30 ޓަނުގެ ފެން އުފެއްދޭ 2 އާރު.އޯ ޕްލާންޓް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން 135 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 200 ޓަނުގެ ވާރޭފެން ރައްކާކުރާ 1 ޓޭންކުވެސް ވަނީ ބަހައްޓާފައެވެ.
ނަރުދަމާގެ ނިޒާމުގެ ދަށުން 3 ނަރުދަމާ ޕަންޕިންގ ސްޓޭޝަނާއެކު ސުވަރޭޖް ޓްރީޓްމެންޓް ޕްލާންޓެއް ވަނީ ރަށުގައި ޤާއިމުކޮށްފައެވެ. މުޅި ރަށުގައި 13.1 ކިލޯމީޓަރުގެ ފެނުގެ ވިއުގައަކާއި 10.4 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ އަޅާފައެވެ.
މި މަޝްރޫޢުގެ ތެރެއިން ސީ އައުޓްފޯލް އެޅުމުގެ މަސައްކަތާއި، ގޭބީސީތަކާއި އިމާރާތްތަކުގައި ޗެކްޕިޓް ބެހެއްޓުމާއި ފެން މީޓަރު ހަރުކުރުމުގެ މަސައްކަތްތައްވެސް ވަނީ އެކޮށް ނިންމާލާފައެވެ. މި ނިޒާމާއެކު ނޭކުރެންދޫގެ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު