މޯލްޑިވްސް ޕްރިމިއަ ބޭންކު (އެމްޕީބީ)ގެ ފުރަތަމަ ބްރާންޗް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، މިފަދަ ތަސައްވަރެއް ހަގީގަތަކަށް ހެދުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އަދި އެ ބޭންކުން މަސައްކަތް ކުރަންވާނީ ރާއްޖޭގައި އެންމެ މަގުބޫލު އަދި އެންމެ ފެންވަރު ރަނގަޅު ބޭންކަށް ވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލަށް ހުޅުވި އެމްޕީބީގެ އޮފީސް މާލޭގައި ހުންނަނީ ބޮޑުތަކުރުފާނު މަގު ހ. ސަންލީތުގައެވެ. މި ބޭންކަކީ ގަވަރުނަރުގެ ހައިސިއްޔަތުން އަޙްމަދު މުނައްވަރު އިފްތިތާހުކޮށްދެއްވި ފުރަތަމަ ބޭންކެވެ.

ގަވަރުނަރު މުނައްވަރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި އެމްޕީބީއަކީ ވަރަށް ބޮޑު ބޭންކެއްގެ ގޮތުގައި ފެނިގެންދިއުމަކީ އުއްމީދެއް ކަމަށެވެ. ބޭންކުގައި ތިބި ތަޖުރިބާކާރު މުވައްޒަފުންނާއި ބައިނަލްއަގުވާމީ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީބީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު ވިދާޅުވީ، ލައިސަންސްގެ ޕްރީ-އެޕްރޫވަލް މަރުހަލާގައި ވޭތުވެދިޔަ އެއް އަހަރު ދުވަހު ކަމާގުޅުންހުރި އިދާރާތަކާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެމްޕީބީގެ ތަސައްވަރަކީ މާލީ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ، އިތުބާރު ހުރި މާލީ އިދާރާއަކަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޕީބީއަކީ ރާއްޖޭގައި ކޮމާޝަލް ބޭންކިން ހިދުމަތް ދިނުމަށް ހުއްދަ ދެވުނު ނުވަ ވަނަ ބޭންކެވެ. އެމްއެމްއޭއިން އެމްޕީބީއަށް ކޮމާޝަލް ބޭންކިން ލައިސަންސް އަދި އޮޕަރޭޓިން ހުއްދަ ދޫކޮށްފައިވަނީ މޭ މާސޫގެ ތެރޭގައެވެ.
މި ބޭންކުގެ ހިދުމަތްތައް އާންމު ފަރުދުންގެ އިތުރުން ވިޔަފާރިތަކަށާއި ބޮޑެތި ކުންފުނިތަކަށް ވަނީ ހާއްސަކުރެވިފައެވެ. އެމްޕީބީގެ ޑިރެކްޓަރުންގެ ބޯޑުގައި ގިނައިން ހިމެނިވަޑައިގަންނަވަނީ އަންހެން ބޭފުޅުންނެވެ.
ބޯޑުގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހުގެ އިތުރުން، ޗީފް އެގްޒެކިއުޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ނުރްހައިރާ އާރާ ސަދާވާއެވެ. އިންޑިޕެންޑެންޓް ޑިރެކްޓަރުންގެ ގޮތުގައި ޝާހިދާ މުހައްމަދާއި ރަހީމާ ސަލީމް ހިމެނިވަޑައިގަންނަވާއިރު، ނޮން-އެގްޒެކިއުޓިވް ޑިރެކްޓަރަކީ ސުޖާތާ ހަލީމެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، އެމްޕީބީއަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެ، ބޭންކިން ސިނާއަތުގައި ވާދަވެރިކަން އިތުރުވެގެންދާނެ ކަމެކެވެ. މީގެ ސަބަބުން ރައްޔިތުންނަށް މާލީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.










ކިޔުންތެރިންގެ ހިޔާލު