ނުރުހުމުގައި ދައުލަތަށް ނެގި ކަމަށްބުނާ ތުއްތު ކުއްޖާގެ މަންމަ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބައްދަލު ކޮށްފި އެވެ.
އުމުރުން 25 އަހަރުގެ އަންހެނަކު މިމަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި އޭނާ ވިހޭ އެ ދަރިފުޅު ނުރުހުމުގައި ވަނީ ދައުލަތަށް ނަގާފައި އެވެ. ދައުލަތަށް ނެގިކަން އަންގައި ފޮނުވި ސިޓީ އޭނާ ހާމަކުރި އިރު އޭގައި ބުނެފައިވަނީ އަންހެން މީހާގެ އަތުގެ ނުކުޅެދުންތެރިކަމެއް ހުރުމާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އެހީވާނެ އާއިލާގެ އިތުރު މީހަކު ނެތުމުން އެ ކުއްޖާ ދަތުލަތަށް ނަގަން ނިންމީ ކަމަށެވެ.
މި މައްސަލަ ހޫނުވެ މިނިސްޓްރީން ދިފާއުގައި ބަޔާނެއް ނެރެފައިވަނިކޮށް އާންމު މީހަކު އެޗްއާރުސީއެމަށް އެ މައްސަލަ ހުށަހެޅި އެވެ.

މި މައްސަލަ މިހާރު އެޗްއާރުސީއެމުން ބަލަމުންދާއިރު އެ ކޮމިޝަންގެ ޓީމަކުން އިއްޔެ ވަނީ ޖެންޑާ މިނިސްޓްރީއަށް ގޮސް ކުއްޖާ ދައުލަތަށް ނެގުމާއި ގުޅޭ ލިޔެކިޔުންތަކާއި ގުޅޭ މައުލޫމާތު ހޯދާފައި އެވެ. އެޗްއާރުސީއެމުން މީޑިއާގައި ބުނީ އިއްޔެ އާއި މިއަދު ކުޅުދުއްފުށީ ސިޓީގައިވެސް އެ ކޮމިޝަނުގެ ޓީމެއް ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
މީގެ އިތުރުން އުތުރުގެ ރަށަކަށް ނިސްބަތްވާ ކުއްޖާގެ މަންމަ އާއި މާމަ އާއިވެސް އިއްޔެ ބައްދަލުކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ނަގާފައިވާ ކަމަށް ބުނެފައިވެ އެވެ. އިތުރު ތަފްސީލްތަކެއް ހާމައެއް ނުކުރެ އެވެ.
ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ކުއްޖެއްގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން އޮތް ނަމަވެސް އެންމެ ފުރަތަމަ ބަލާނީ މައިންބަފައިންގެ ގާތުގައި ބައިތިއްބައިގެން ޙައްޤުތައް ޙިމާޔަތްކުރެވޭތޯ ކަމަށެވެ. އެ ގޮތް ނާކާމިޔާބުވެއްޖެ ނަމަ އާއިލާގެ ތެރެއިން ރައްކާތެރިކަން ދެވޭނެ ފަރާތެއް ހޯދައި އެއިން އެއްވެސް ގޮތެއް ނެތް ޙާލަތުގައި އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާނެ ކަމަށް ބަޔާނުގައިވެއެވެ.








ކިޔުންތެރިންގެ ހިޔާލު