ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ރާއްޖޭން ބޭރު ކޮންޓްރެކްޓަރުން ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން “އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު” އަށް އިސްލާހު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. މި ބިލު ބަލައިގަންނަން ފެންނަ ކަމަށް 64 މެންބަރަކު ވޯޓުދެއްވިއިރު، ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެހެންކަމުން މި ބިލު އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ސަރުކާރުގެ ފަރާތުން، މި ބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި، ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ، އަދި ވާދަވެރި މާހައުލެއް ގާއިމުކުރުމެވެ. މިކަން މިމަގަށް ކުރުމަށް ވިޔަފާރިކުރާ ފަރާތަކުން ރާއްޖޭން ބޭރު ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާ ނަމަ، ރާއްޖޭން ބޭރު ފަރާތްތަކުގެ ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި 10 އިންސައްތަ އުނިކުރުމަށް ޒަރީރު ވަނީ ހުށަހަޅައިފައެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ބޭރު ކޮންޓްރެކްޓަރުންގެ އަތުން ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި މިހާރު އުނިކުރަނީ ފަސް އިންސައްތައެވެ.

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ނެގުނު ވިތުހޯލްޑިން ޓެކްސްގެ އަދަދަކީ، ވިތުހޯލްޑިން ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމަށް ބެލެވޭނެކަމަށް ވަނީ ބުނެފައެވެ. އަދި ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިހްތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
މި އިސްލާހާއެކު ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާއެއް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. އެގޮތުން މި އިސްލާހު ގެނެސްފިނަމަ އަހަރަކު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ވިތުހޯލްޑިން ޓެކުހަކީ އާމްދަނީ ލިބޭ ފަރާތަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން އެ ފައިސާއިން އުނިކޮށް، ދައުލަތުގެ ޓެކްސް އިދާރާއަށް ދައްކަން ޖެހޭ ޓެކުހެކެވެ. ރާއްޖޭގައި މި ޓެކްސް ނަގަނީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ރާއްޖޭގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ އާމްދަނީންނެވެ.








ކިޔުންތެރިންގެ ހިޔާލު