މޯލްޑިވިއަން ރެޑް ކްރެސެންޓުގެ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ހޯދުމުގެ ބޭނުމުގައި، ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނާ ގުޅިގެން ހުޅުމާލޭގައި 14 ބުރީގެ “ދަ ކްރެސެންޓް ޓަވާ” އެޅުމުގެ މަޝްރޫއު އިއްޔެ ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
މި މަޝްރޫއަކީ އެމްއާރްސީގެ އިންސާނީ އެހީތެރިކަމުގެ ހަރަކާތްތަކަށް ދިގު މުއްދަތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ހާއްސަ އިނިޝިއޭޓިވްއެކެވެ. އިއްޔެ މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތުގެ ނަމާއި ވެބްސައިޓް ތަޢާރަފުކޮށް، އިމާރާތް ވަނީ ރަސްމީކޮށް ދައްކާލާފައެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއާރްސީ އުފެދުނުތާ 17 އަހަރު ފުރުނު މުނާސަބަތާ ދިމާކޮށެވެ. ސަރުކާރާއި، ޑިޕްލޮމެޓިކް ދާއިރާއާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން މާލީ އަދި ވިޔަފާރީގެ ދާއިރާގެ މަންދޫބުން ބައިވެރިވި މި ހަފްލާގައި، “ދަ ކްރެސެންޓް ޓަވާ” ތަރައްގީކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސެންޓްރަލް ޕާކުގެ ކުރިމަތިން، މިރިހި މަގުގައި އެމްއާރްސީއަށް ލިބިފައިވާ ބިމުގައި އިމާރާތްކުރާ މި ޓަވަރަކީ 14 ބުރީގެ ޒަމާނީ އިމާރާތެކެވެ. ގާތްގަނޑަކަށް 70،000 އަކަފޫޓުގެ ޖާގައެއް ހިމެނޭ މި އިމާރާތަކީ ހުޅުމާލޭގެ މައިގަނޑު ވިޔަފާރީގެ ސަރަހައްދެއްގައި، ދެ މަގަކަށް މޫނުވާ ގޮތަށް ހުންނާނެ ތަނެކެވެ.
މި އިމާރާތުގައި އެމްއާރްސީގެ އާ ހެޑްކުއާޓަރު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން އެ ޖަމިއްޔާގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތަކާއި، ކުއްލި ހާލަތްތަކަށް ތައްޔާރުވުމާއި، ވޮލަންޓިއަރުންގެ ހަރަކާތްތައް އެއް ފުރާޅެއްގެ ދަށުން ވިލަރެސްކުރުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން، ކުއްޔަށް ދޫކުރާ އޮފީސް ޖާގައާއި، ވިޔަފާރީގެ ބޭނުންތަކަށް ހާއްސަ ތަންތަނާއި، މުޖުތަމައުގެ ބައްދަލުވުންތަކަށް ހާއްސަ މާލަމެއް ވެސް މި އިމާރާތުގައި ހުންނާނެއެވެ.
މި މަޝްރޫއުގެ ފައިނޭންޝަލް އެޑްވައިޒަރު އަދި ޕްރޮޖެކްޓް މެނޭޖަރުގެ ގޮތުގައި ހަރަކާތްތެރިވަނީ ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ. މި މަޝްރޫއު ފަރުމާކޮށްފައިވަނީ އަމިއްލަ ފަރާތްތަކާއި، މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކުގެ އެހީތެރިކަން އެކުލެވޭ “ބްލެންޑެޑް ފައިނޭންސް” މޮޑެލްއެއްގެ މައްޗަށެވެ. މި މަޝްރޫއުގެ ފުރަތަމަ ބައިވެރިންގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކް ވަނީ ހިމެނިފައެވެ.
މި މަޝްރޫއުގައި ބައިވެރިވުމުގެ ގޮތުން ކުއްޔަށް ހިފުމާއި، އިންވެސްޓްކުރުމާއި، ސްޕޮންސާޝިޕް އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަމިއްލަ ފަރުދުންނަށް 1،000 ރުފިޔާއިން ފެށިގެން އެހީތެރިވެވޭއިރު، 500،000 ރުފިޔާއަށް ވުރެ ގިނައިން އެހީވާ ފަރާތްތަކުގެ ނަން އިމާރާތުގެ ހާއްސަ ފާރެއްގައި ފާހަގަކުރާނެއެވެ.
އެމްއާރްސީގެ ރައީސް އަލީ ނާޝިދު ވިދާޅުވި ގޮތުގައި، މި އިމާރާތުގެ ހަގީގީ އަގު ވަޒަންކުރެވޭނީ އޭގެ އުސްމިނަކުން ނުވަތަ އޭގެ އަގަކުން ނޫނެވެ. އޭގެ ބަދަލުގައި އެ އިމާރާތުގެ ސަބަބުން ކުރެވޭ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއީ އަންނަން އޮތް ޖީލުތަކަށް ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުމަށް އެޅޭ ވަރުގަދަ ބިންގަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހަސަން ޒިޔަތު ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ހަމައެކަނި މާލީ ފައިދާއަށް ބެލުމުގެ ބަދަލުގައި، މުޖުތަމައަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫއުތަކަށް ފައިސާ ހޯދައިދިނުމެވެ.
އެމްއާރްސީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޝާބިން ވިދާޅުވި ގޮތުގައި، މިއީ އެ ޖަމިއްޔާގެ ތާރީޚުގައި އަންނަ ވަރަށް މުހިންމު ބަދަލެކެވެ. މި ޓަވަރުން ލިބޭ އާމްދަނީ ބޭނުންކުރާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއާރްސީން ފޯރުކޮށްދޭ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތައް ފުޅާކޮށް، މުޖުތަމައުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށެވެ. އަދި މިއީ ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި އެހީތެރިކަން ބޭނުންވި ނަމަވެސް އެކަން ފޯރުކޮށްދިނުމުގެ ގާބިލުކަން އެމްއާރްސީގައި ހުރިކަން ކަށަވަރުކޮށްދޭނެ މަޝްރޫއެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.










ކިޔުންތެރިންގެ ހިޔާލު