ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވު 638 މިލިޔަން ޑޮލަރަށް އަރާފައިވާއިރު މިިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 221.8 މިލިޔަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭއިން އާންމުކުރި ރިޒާވް ޑޭޓާ ޓެމްޕްލޭޓަށް ބަލާއިރު މިދިޔަ ޖުލައިމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވު ހުރީ 638.03 މިލިޔަން އެމެރިކާ ޑޮލަރުގައެވެ. މިއީ އޭގެ ކުރީ މަސް ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރި 686.83 މިލިޔަން ޑޮލަރާއި އަޅާ ބަލާއިރު 48.8 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 136.47 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ.
މި މުއްދަތުގެ ތެރޭގައި ރަސްމީ ރިޒާވުގައި ހުރި މިންވަރު ދަށްވެފައިވާއިރު، ބޭނުންކުރެވޭ ރިޒާވުގައި ހުރި މިންވަރުވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 221.8 މިލިޔަން އެމެރިކާ ޑޮލަރެވެ. އޭގެ ކުރީ މަހު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 248.9 މިލިޔަން ޑޮލަރެވެ. އެހެންކަމުން މިއީ 27.1 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ.

2026 ވަނަ އަހަރުގެ މާރިޗު މަހު ރިޒާވް 1.3 ބިލިޔަން ޑޮލަރުގައި ހުރުމަށްފަހު، މިހާރު 638.03 މިލިޔަން ޑޮލަރަށް ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ އޭޕްރީލް މަހު ދެއްކި ބޮޑެތި ދަރަނިތަކެވެ. އެގޮތުން އޭޕްރީލް މަހު ކުރީގެ ސަރުކާރުން ނަގާފައިވާ 524.68 މިލިޔަން ޑޮލަރުގެ ސުކޫކު އަނބުރާ ދައްކައި ހަލާސްކޮށްފައިވެއެވެ.
މިދަރަނި އަދާކޮށްފައި ވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް އޭޕްރީލް މަހުގެ ތެރޭގައި އަނބުރާ ދައްކާފައިވެއެވެ. މިފަދަ ބޮޑެތި ދަރަނިތައް އަދާކުރުމަކީ ރިޒާވްގެ މިންވަރަށް މި އަހަރުގެ ތެރޭގައި ބޮޑު ބަދަލެއް އައިސްފައިވާ މައިގަނޑު ސަބަބެވެ.
ބޭރުފައިސާގެ ޤާނޫނުގެ ދަށުން، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭއިރު، ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން %90 ޑޮލަރު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކާނެއެވެ. މީގެ ތެރެއިން ބައެއް އާންމުންގެ ބޭނުންތަކަށް ދޫކުރުމަށް އެމްއެމްއޭއިން ބޭންކުތަކަށް ވިއްކާއިރު، އޭގެ ބައެއް ރިޒާވް ހަރުދަނާ ކުރުމަށް ބޭނުންކުރެއެވެ.
މިގޮތުން، ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ އެމްއެމްއޭއިން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެއް ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން، އެމްއެމްއޭއިން ޖުލައި މަސް ތެރޭގައި ދަތުރުފަތުރާއި، ބޭސްފަރުވާއާއި، އުމްރާގެ ދަތުރުތަކަށް ޑޮލަރު ވިއްކި މިންވަރުވަނީ ޖޫންމަހާއި އަޅާބަލާއިރު %172 އިން އިތުރުވެފައެވެ.
މި ސިޔާސަތުގެ ތެރެއިން، އާންމު އުސޫލުގެ ދަށުން ކޮންމެ ހަފްތާއަކު އެމްއެމްއޭއިން ބޭންކުތަކަށް ވިއްކަމުންދާ ބޭރު ފައިސާއާއި އަޅާބަލާއިރު، %51 އިތުރު އަދަދެއް ވިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ނިންމުމުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ހަދަންޖެހޭ ޓީޓީ އަދި އެލްސީ އަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުންކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.








ކިޔުންތެރިންގެ ހިޔާލު