ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންގެ ފަރާތުން ‘ބްލަޑް ބޭންކް’ އަށް ލޭ ހަދިޔާކުރުމަށް ހާއްސަ ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މިއަދު ފަށައިފިއެވެ.
މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އާއި އެޗްޑީސީ ގުޅިގެން މިއަދު ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ، ބްލަޑް ބޭންކަށް ބޭނުންވާ ލޭ ހޯދުމުގައި އެހީތެރިވެދީ، އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ވީހާވެސް ގިނަ އަދަދަކަށް ލޭ ހަދިޔާކުރުންކަމަަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ. އެގޮތުން މެޑިކަލް ޗެކަޕާއެކު ކުރިއަށްގެންދާ މި ހަރަކާތުގައި އެޗްޑީސީގެ ހުރިހާ މުވައްޒަފުންނަށްވެސް ބައިވެރިވެ ލޭ ހަދިޔާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ހަރަކާތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެޗްޑީސީ ސީއެސްއާރުގެ އެސިސްޓެންޓް ޑިރެކްޓަރު ޙަސަން ޝަހީދު ވިދާޅުވީ، މިފަދަ ކޭމްޕެއް އިންތިޒާމުކުރީ ބްލަޑް ބޭންކުގައި ލޭ މަދުވެފައިވާކަމުގެ މައުލޫމާތު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ލިބުމާ ގުޅިގެން ކަމަށެވެ. އަދި މި ކޭމްޕަށް އެޗްޑީސީގެ ވަރަށް ގިނަ މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބަކާއި އެއްބާރުލުމެއް ލިބެމުންއަންނަ އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ބްލަޑް ބޭންކަށް ދިމާވި ލޭގެ ދަތިކަން ހައްލުކުރުމަށްޓަކައި މިއަހަރުގެ ޖެނުއަރީ މަހުވެސް އެޗްޑީސީން އިސްނަގައިގެން މިފަދަ ކޭމްޕެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައިވާ ކަމަށާއި، ކުންފުނީގެ އަމާޒަކީ މިއަހަރުގެ ތެރޭގައިވެސް އިތުރު މިފަދަ ކޭމްޕެއް ބޭއްވުން ކަމަށް ޝަހީދު ވިދާޅުވިއެވެ.
އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ބޭއްވި މި ކޭމްޕަކީ މުޖުތަމައަށް ފައިދާހުރި މުހިންމު ހިދުމަތެކެވެ. އެ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި ކުރިއަށްއޮތް ތަނުގައިވެސް ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މިފަދަ ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ރޭވިފައިވެއެވެ.








ކިޔުންތެރިންގެ ހިޔާލު