މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ހަތްވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި ރޭ އަލިފާން ރޯވެ، އެ ތަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.
އެމްއެންޑީއެފުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އަލިފާން ރޯވެފައިވަނީ ހެންވޭރު ފަހިވައި ނަމަކަށް ކިޔާ ގޭގެ ހަތްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައި ކަމަށާއި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ނުވައެއް ޖަހާކަން ހާއިރު ކަމަށެވެ. އަދި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަވިސްއިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، އަލިފާންނިއްވާ މުވައްޒަފުން ކުރި މަސައްކަތުން ރޯވި އަލިފާން ބައިގަޑިއިރުގެ ތެރޭގައި ވަނީ އެއްކޮށް ނިއްވާލެވިފައެވެ. މި ހާދިސާގައި އެއްވެސް އާންމު ރައްޔިތަކަށް އަނިޔާއެއް ލިބުނުކަން ނުވަތަ ނޫންކަން އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެން ގޮސް އަނިޔާވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ފުލުސް މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އާންމުވެފައިވާ ފޮޓޯތަކުންނާއި މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި އަލިފާން ރޯވި އެޕާޓްމަންޓް ވަނީ ވަރަށް ބޮޑަށް އަނދައި އަޅިއަށް ވެފައެވެ. އެގޮތުން އެ ތަނުގައި ހުރި ހިފާގެންގުޅޭ ގިނަ ތަކެއްޗާއި ފަރުނީޗަރު ވަނީ މުޅިންހެން އަނދައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.










ކިޔުންތެރިންގެ ހިޔާލު