އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) ގެ ސަބަބުން އޭވިއޭޝަންގެ ދާއިރާއަށް ބޭނުންވާ ގާބިލު މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މިއަދު ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި، އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހުކުރުމާއި، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، އެމްއޭސީއެލްގެ ކުރިއެރުން ބިނާވެފައިވަނީ މެދުކެނޑުމެއްނެތި ތަރައްގީވަމުން އަންނަ، ގާބިލު މަސައްކަތްތެރި މުވައްޒަފުންގެ މައްޗަށެވެ. އަދި މި އިންސްޓިޓިއުޓްގެ މައިގަނޑު މަގުސަދަކީ އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކާއި، އޮނިގަނޑެއްގެ ތެރެއިން ސަނަދު ހާސިލުކޮށް ވަޒީފާގެ ކުރިއެރުން ހޯދައިދިނުން ކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތަކީ އޭވިއޭޝަން އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިވުން ކަމަށްވާއިރު، މި ހަފްލާގައި ސެޓްފިކެޓް ލެވެލް 3 އިން އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ފުރިހަމަކުރި 29 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. ރަސްމިއްޔާތު ނިންމަވާލައްވަމުން ސީއީއޯ ޝަރީފް ވަނީ ދަސްވެނިވި ދަރިވަރުންނަށް މަރުހަބާ ދަންނަވައި، އެމްއޭސީއެލްގެ އެންމެހައި މުވައްޒަފުންވެސް މި އިންސްޓިޓިއުޓް މެދުވެރިކޮށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވާފައެވެ.








ކިޔުންތެރިންގެ ހިޔާލު