2026 ވަނަ އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1،875 މީހުން ހައްޔަރުކޮށްފިއެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތަކާއި އެކަމަށް ފަންޑުކުރާ ފަރާތްތައް ހޯދުމަށް ފައިސާއާ ގުޅުންހުރި ތަހުގީގުތައް ވަނީ އިތުރަށް ފުޅާކޮށްފައެވެ.
ފާއިތުވި 7 މަސްދުވަހު ޑްރަގް އެންފޯސްމަންޓުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު، ޖަނަވަރީ 1 އިން ޖުލައި 31 ގެ ނިޔަލަށް މާލެ ސަރަހައްދާއި އަތޮޅުތެރެ ހިމެނޭގޮތަށް ޖުމްލަ 1،141 އޮޕަރޭޝަން ފުލުހުން ވަނީ ހިންގާފައެވެ. އިންޓެލިޖެންސް މައުލޫމާތާއި އޮޕަރޭޝަނަލް ބޭނުންތަކަށް ބިނާކޮށް ހިންގުނު މި ހަރަކާތްތަކުގައި 23،249 މީހުންނާއި، ތުހުމަތު ކުރެވޭ ތަންތަން ތަފާތު އެކި ފަހަރު މަތިން ޖުމުލަ 7,309 ފަހަރު ވަނީ ބަލައިފާސްކޮށްފައެވެ. މުޅި ރާއްޖެއިން ހިންގުނު މި އޮޕަރޭޝަންތަކުގައި ޖުމްލަ 144.341 ކިލޯގްރާމްގެ މަސްތުވާތަކެއްޗާއި، 1،856 ފުޅި ބަނގުރާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
މުޅި ރާއްޖޭގައި، ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި 1،533 މައްސަލައެއް ތަހުގީގުކުރިއިރު، މީގެ ތެރެއިން 634 މައްސަލައެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައިވެސް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން 17 އަތޮޅެއްގައި 260 އިންޓެލިޖެންސް-ލެޑް އޮޕަރޭޝަން ހިންގާފައިވާއިރު، މި އޮޕަރޭޝަންތަކުގައި 298 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރި މައްސަލަތަކަށް ބަލާއިރު، 377 މައްސަލައެއް ވަނީ ތަހުގީގު ކޮށްފައެވެ. މީގެ ތެރެއިން 256 މައްސަލަ (67 އިންސައްތަ) ދައުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވިފައެވެ. ޑްރަގް އެންފޯސްމަންޓުން އެކަނިވެސް 137.0296 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، މީގެ މަގުމަތީގެ އަގު 120،243،100 ރުފިޔާއަށް އަރައެވެ. އަދި 845 ފުޅި ބަނގުރާ އަތުލައިގަނެފައިވާއިރު، މީގެ އަގަކީ 960،900 ރުފިޔާއެވެ. އެހެންކަމުން، އެ ބަހާއިން އަތުލައިގަތް ތަކެތީގެ ޖުމްލަ އަގު 121،204،000 ރުފިޔާއަށް އަރައެވެ.
މީގެ އިތުރުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މިންގަނޑަށް ފެތޭ 94 މައްސަލައެއް ތަހުގީގުކޮށްފައިވެއެވެ. މި މައްސަލަތަކާ ގުޅިގެން 147 މީހަކު ހައްޔަރުކޮށްފައިވާއިރު، 83 މައްސަލަ (88 އިންސައްތަ) ދައުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑްރަގް އެންފޯސްމަންޓުން ވަނީ، މަސްތުވާތަކެތީގެ ނެޓްވޯކްތައް ހިންގާ ފަރާތްތަކާއި އެކަމަށް ފަންޑުކުރާ ފަރާތްތައް ހޯދުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މަސްތުވާތަކެއްޗާ ގުޅުންހުރި ފައިސާގެ 25 މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދާކަމަށާއި، ނެޓްވޯކްގެ ގޮތުގައި ހަރަކާތްތެރިވާ 3 މައްސަލައެއް ބަލަމުންދާކަން ވަނީ ހާމަކޮށްފައެވެ. ތަފާސްހިސާބުތަކުން ފެންނަ އަދަދުތަކަކީ ސީދާ ކުށްކުރާ މިންވަރު އިތުރުވުންކަމަށް މާނަނުކުރުމަށް ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު މުސްލިމް އެދިލެއްވިއެވެ. ސަބަބަކީ، އޮޕަރޭޝަނަލް މަސައްކަތްތަކާއި ތަހުގީގު އަމާޒުތައް ވަގުތާއި ހާލަތަށް ބަލައި މުރާޖައާކޮށް ބަދަލުގެންނަމުންދިއުމާ ގުޅިގެން ތަފާސްހިސާބުތަކާއި ކާމިޔާބު އޮޕަރޭޝަންތަކުގެ އަދަދުތަކަށް ބަދަލުތައް އަންނާނެތީއެވެ.
މި މައްސަލަތަކުގައި ޝާމިލުވާ 116 ބިދޭސީއަކު ޑީޕޯޓުކުރުމުގެ އިޖުރާއަތްތައް ކުރިއަށްގެންދިއުމަށް މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ހަވާލުކުރެވިފައެވެ. އަދި ފަރުވާއަށް ބޭނުންވާ 37 މީހަކަށް ފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމާގުޅުންހުރި އިދާރާތަކާ ވަނީ ހަވާލުކުރެވިފައެވެ. މީގެ އިތުރުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހުގެ ދަށުން ލިބިދީފައިވާ ބާރުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ގޮތުގައި ފާހަގަކުރެވުނު މާލޭގެ 6 ތަނެއް ވަނީ ބަންދުކޮށްފައެވެ. އެ ތަންތަނަކީ މ. ގުންޒަރު، މ. ތަރިވިލާގެ، މ. އަމީރާމަންޒިލް، މ. ސެވަން އެންޑް ހައުސް، މ. ކަނޑުފިނިގެ، އަދި މ. ލޭންޑްއޮފްގާޑަން އެވެ. ގާނޫނީގޮތުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި ތަންތަން މޮނިޓަރކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އިންޓެލިޖެންސަށް ބިނާކޮށް ހިންގޭ އޮޕަރޭޝަންތަކާއި، ފައިސާގެ ތަހުގީގުތައް ގުޅުވާލައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ މި މަސައްކަތްތަކަކީ، މަސްތުވާތަކެތީގެ ނެޓްވޯކްތައް ރޫޅާލައި، އެކަމުގެ އަސްލު ނައްތާލުމަށް ފުލުހުން ގެންގުޅޭ ސްޓްރެޓީޖިކް އަމާޒުގެ ތެރެއިން ކުރިއަށްދާ މަސައްކަތްތަކެކެވެ.








ކިޔުންތެރިންގެ ހިޔާލު