މާލޭ ވަޅޯމަސްމާރުކޭޓު ހުރި ބިމުގައި ޒަމާނީ ވެޓް މާކެޓެއް ބިނާކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ޤަރާރެއް ފާސްކޮށްފިއެވެ.
އެ ކައުންސިލްގެ ފަސް ވަނަ ދައުރުގެ ފުރަތަމަ ކުއްލި ޖަލްސާގައި މި ޤަރާރު ފާސްވީ، ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރެއްގެ ވޯޓާ އެކުގައެވެ. ޤަރާރާ ދެކޮޅަށް ވޯޓު ދެއްވީ ފަސް ކައުންސިލަރެކެވެ. ހުޅުމާލެ ތަމްސީލުކުރައްވާ ދެ ކައުންސިލަރުން ކަމަށްވާ ފާތިމަތު ޒަހިއްޔާ އާއި އަޙުމަދު ޣާލިބު ޖަލްސާގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ޖަލްސާގައި ގަރާރު އިއްވެވީ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް މުޙައިމިން ނަސީރެވެ.
ފާސްކުރި ޤަރާރުގެ ދަށުން ލޯކަލް މާރުކޭޓު ހުރި 17,558.54 އަކަ ފޫޓުގެ ބިމުގައި ވެޓް މާކެޓް ބިނާކޮށް 30 މަސް ދުވަހުގެ ތެރޭގައި ނިންމައި ކައުންސިލާ އަނބުރާ ހަވާލުކުރަން ޖެހެއެވެ. ބިމުން އެއްވެސް ބައެއް ތިންވަނަ ފަރާތަކަށް ދިނުން މަނާކޮށް ކުރެހުންތައް ކައުންސިލާ ހިއްސާކުރަން ވެސް ޝަރުތުކޮށްފައިވެއެވެ. އޭގެ އިތުރުން މިހާރު އެ ސަރަޙައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ ގޮޅިތައް ހަމަޖެހެންދެން ޢަމަލީ މަސައްކަތް ނުފެށުމަށް ވެސް ޤަރާރުގައި ކަނޑައަޅާފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލެސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ މިހާރު ހުރި މަސްމާރުކޭޓަކީ މަސް ވިއްކުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި ރައްކާތެރިކަމާ މެދު ވެސް ކަންބޮޑުވުން އެބައޮތް ކަމަށެވެ. “އެތަން ވީހާ ވެސް އަވަހަށް ނިންމުމަކީ މާލޭގެ ރައްޔިތުން އެދޭ ކަމެއް” މޭޔަރު ވިދާޅުވިއެވެ. ވެޓް މާކެޓް ޕްރޮޖެކްޓާ ގުޅޭ ވަކި އޮޑިޓެއް ހެދުމަށް ފަހު ފާހަގަވި ކަންކަމާ ގުޅިގެން ޑިސެމްބަރު 2025 ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
ސަރުކާރަށް ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން މޭޔަރު ވިދާޅުވީ މި މައްސަލައިގައި ކައުންސިލުން ދޭން ޖެހޭ ކޮންމެ އެއްބާރުލުމެއް ދީފައިވާނެ ކަމަށެވެ.
މި ޤަރާރުގެ ދަށުން މަޝްރޫޢު ކުރިއަށް ގެންދަންވާނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ކައުންސިލުން ކަނޑައަޅާފައިވެއެވެ.
މަސްމާރުކޭޓް އެޅުމަށް މާލެސިޓީ ކައުންސިލުން މަސްވެރިކަމާ ބެހޭ ވުޒާރާއަށް ބިން ހަވާލުކޮށްފައިވާއިރު، މި މައްސަލާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ، މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް މަޝްރޫއުއަށް މާލެ ސިޓީ ކައުންސިލުން ހުރަސް އެޅިނަމަވެސް އެ މަޝްރޫޢު ކުރިއަށް ގެންދަވާނޭކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ މެދުވެރިކޮށް އެ އިމާރާތް އަޅާނެ ބަޔަކު ހޯދާފައިވާ ކަމަށެވެ.
މަޝްރޫއު ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމުނުތާ ހަތަރު މަސްދުވަސްވީއިރުވެސް އެކަމަށް އޮތް ހުރަހަކީ ކައުންސިލުން ބިން ހަވާލުނުކޮށް ހިފެހެއްޓުން ރައީސް ވަނީ މިއަހަރުގެ ޖޫންމަހު ވިދާޅުވެފައެވެ.








ކިޔުންތެރިންގެ ހިޔާލު