ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ލީޑާޝިޕަށް ތަޢުރީފު ކުރައްވާ އެމަނިކުފާނު ސެލިއުޓް ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އއ. އުކުޅަހުގައި މިރޭ އޮތް ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ޤައުމު އޮތީ ދަރުވާލާފައި ކަަމަށެވެ. އެކަން ކުރި މީހުން ތިބީ ރާއްޖެ ބަނގުރޫޓްވާނެ ކަމަށް ބަލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން ތިންމަސްތެރޭ ރާއްޖެ ބަނގުރޫޓް ވާނެ ކަމަށް އިދިކޮޅު ލީޑަރުން ތިއްބެވީ ހިސާބު ޖައްސަވައިގެން ކަމަށް ވިދާޅުވި އެވެ. ނަމަވެސް ކުރީ ސަރުކާރުތަކުން އުފެއްދި ބޮޑު ދަރަނި ދައްކަމުން ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވަމުން ރާއްޖެ އަލުން ނަގާ ކޮޅަށް ޖެއްސެވީ ރައީސްގެ ހަރުދަނާ ލީޑާޝިޕްގެ ދަށުން ކަމުގައި ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެކަމަށްޓަކައި ރައީސް މުޢިއްޒަށް ސެލިއުޓް ކުރައްވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ހަނގުރާމައިގެ މިދިޔަ ޙާލަތުގައިވެސް ކާބޯތަކެއްޗާއި ތެލާއި އެ ނޫންވެސް އަސާސީ ހުރިހާ ތަކެއްޗެއް ރާއްޖެއަށް ލިބެމުން ދިޔަ ކަމަށެވެ. މިއީ ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން ސަބަބުތައް ކަމުގައި ވިދާޅުވެ އެކަމަށްޓަކައި ކަމަރު ބަންނަން ކޮންގްރެސްގެ މެންބަރުންނަށް އަބްދުއްރަހީމް ގޮވައިލެއްވި އެވެ.
“އެހެންވީމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒަށް ކާމިޔާބުކޮށް ދެއްވަންވީ،” އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީން އެއްވެސް އަމާޒެއް ނެތި “އަނެއް ދިވެހިރާއްޖެ” އަށް ކުރި ދަތުރު “ދިވެހީންގެ ރާއްޖެއަށް” އަނބުރާލައްވާ ޤައުމު ހަމަމަގަށް ގެނެސްދެއްވީ ރައީސް މުޢިއްޒު ކަމަށެވެ. އެކަން “ހަޖަމު” ނުވެގެން އެކި ފަހަރު އެކި ދޮގު ބޭރަށް ނެރެ އިދިކޮޅުން އެކި ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
އެމަނިކުފާނު ވަނީ މިފަދަ ވާހަކަތަކާމެދު ގޮތް ނިންމުމުގައި ބުއްދީގެ ބޭނުންކުރާ ބަޔަކަށްވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ވިދާޅުވީ ބަޔަކު ތަނެއްގައި ތިބެގެން ދައްކާހާ ދޮގު ވާހަކަތަކެއް ޤަބޫލުކޮށްގެން ނުވާނެ ކަމަށެވެ.









ކިޔުންތެރިންގެ ހިޔާލު