ރާއްޖޭގެ ފަޅުތަކާއި ރަށްރަށް ކުއްޔަށް ދޭއިރު، އެފަދަ ހަރުމުދާތައް ރައްޔިތުންނާއި ޤައުމަށް ފައިދާ ނުވާނެގޮތަށް ބޭނުންކުރެވިގެން ނުވާނެކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވެއްޖެއެވެ.
ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމުގެ ބިލަށް ވާހަކަ ދައްކަވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވީ ފަޅުތަކާއި ރަށްތައް ކުއްޔަށްދޭއިރު ވިސްނުންތެރިކަމާއެކު ކުރިއަށް ގެންދަންޖެހޭކަމަށެވެ. މީގެ ކުރިން ވަރަށް ގިނަ ރަށްތައް ކުށްޔަށް ދޫކޮށްފައިވާކަން ފާހަގަކުރައްވަމުން މެންބަރު ވިދާޅުވީ، ރައްޔިތުންގެ މުދާ ބައެއް މީހުންގެ ތަރިކައަށް ވެފައިވާކަމަށެވެ. ނަމަވެސް ރައްޔިތުންނާއި ޤައުމަށް ފައިދާ ނުވާނެގޮތަށް އެ ހަރު މުދާ ބޭނުން ކުރެވިގެން ނުވާނެކަމަށް މެންބަރު ވިދާޅުވިއެވެ.
ޚާއްޞަކޮށް މާލެ ކައިރި ރަށްރަށަކީ މާލޭގެ ބޭފުޅުންނަށް ލިޔެވިފައި، އެބޭފުޅުންނަށް ހިބައިން ދީފަހުރި ރަށްތަކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެންނަމުންދަނީ. މީގެ މަންފާ އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބިގެން ނުދާކަންވެސް އަޅުގަނޑު ފާހަގަކޮށްލަން.
Advertisement
މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ބޮޑެތި ކުލި ވަކި ބަޔަކަށް މަންފާވާގޮތަށް ، ދައުލަތަށް ނުލިބިއެބަހުރިކަމަށެވެ.
މިސާލަކަށް ފަސް މިލިޔަން ޑޮލަރު ލިބޭއިރުގަ އޭގެތެރެއިން އެއްލައްކަ ޑޮލަރު ނުވަތަ އެއް މިލިޔަން ޑޮލަރު ދައުލަތަށް ލިބިފައި، ބާކީ ހަތަރު މިލިޔަން ޑޮލަރު ވަކިބަޔަކަށް، ވަކި ފެމިލީއަކަށް ލިބޭގޮތަށް އޮންނަ އޮތުން މި ބިލުގައި ނިމުމަކަށް ގެންނަންޖެހޭ.
މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވިއެވެ.
މެންބަރުގެ ވާހަކަފުޅުގައި ފުވައްމުލަކަކީ އެންމެ އަތޮޅަކަށް ނިސްބަތްވާ ރަށަކަށްވާއިރު، އިތުރު ރަށެއް ނެތުމުން، ރާއްޖޭގެ ކޮންމެވެސް އެހެން ހިސާބަކުން ފަޅުރަށެއް ލިބި ފުވައްމުލަކު ކައުންސިލަށް މަންފާ ލިބޭނެގޮތަށް ޤާނޫނަށް އިޞްލާހު ގެނެސްދިނުން އެދޭކަމަށް ވިދާޅުވިއެވެ. ފުވައްމުލަކަކީ އިޤްތިޞާދީ ގޮތުން މަދު ވަސީލަތް ހިމެނޭ ރަށަކަށްވާއިރު އެއީ މުހިންމު ކަމެއްކަމަށް މެންބަރު ވިދާޅުވިއެވެ.
ރަށްރަށާއި ފަޅުތައް ކުއްޔަށް ދޭއިރު އަދިވެސް ގިނަ ފަޅުރަށްތަކެއް ރާއްޖޭގައި އެބަހުރިކަމަށާއި، އެރަށްތައް ތަރައްޤީކުރާނެ އައު ނިޒާމެއް ޤާއިމްކުރުން މުނިންމުކަމަސްވެސް މެންބަރު ވިދާޅުވިއެވެ. އެގޮތުން ޓެކްސް ފްރީ ޒޯނެއް ޤާއިމްކުރުންފަދަ ކަންކަމުން، ހުވަދު އަތޮޅުފަދަ ސަރަހައްދުތަކަށް އިޤްތިޞާދީގޮތުން ފައިދާވާނެގޮތެއް ހޯދިދާނެކަމަށް މެންބަރު ވިދާޅުވިއެވެ. އެއީ ބޭރު ޤައުމުތަކުގައިވެސް ތަރައްޤީ ނުވާ ސަރަހައްދުތައް ތަރައްޤީކުރަނީ އެފަދަ ލުއިތައް ދީގެންކަމަށް މެންބަރު ވިދާޅުވިއެވެ. މިއީ ރާއްޖޭގައިވެސް ކުރަންޖެހޭކަމެއްކަމަށާއި، ހުސް ރައްތަކެއް ބަހައްޓައިގެން ފައިދާނުވާނެކަމާށް ވިދާޅުވިއެވެ. ވީމާ އަންނަން އޮތް ޖީލަށް އޭގެ ފޮނިމީރުކަން ފޯރުކޮށްދެވޭނީ މިހާރު އެރަށްތަކުން ފައިދާ ނަގައިގެންކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ އައު ޤާނޫނެއް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ. މި ބިލުގައި އެކި ބޭނުންތަކަށް ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމާއި ވަކި ބޭނުންތަކަށް ކަނޑައަޅާފައި ނުވާ ފަޅުރަށްތައް ވަރުވާއަށް ދިނުމާ ގުޅޭކަންކަން ތަފްސީލުކޮށް ވަނީ ހިމަނައިފައެވެ.
ފަޅާއި ފަޅުރައްތައް ކުއްޔަށް ދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން މިހާރު ކުރަމުން އަންނަނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނުގެ ދަށުންނެވެ. ނަމަވެސް އެ ޤާނޫނު އުވާލައި ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރެވޭނެ ހާލަތްތަކާއި އުސޫލުތައް މަޖިލީހަށް ހުށަހަޅުއްވާފައިވާ “ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ” ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ބިލުގައިވާގޮތުން މިހާރުވެސް އޮންނަ ގޮތަށް ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނަށް ފަޅުރަށްރަށް އެކަށައެޅޭނީ ފަތުރުވެރިކަމާއި މަސްވރިކަމާއި ދަނޑުވެރިކަމާއި ސިނާޢީ، އިގްތިސާދީ، އަދި އިޖުތިމާޢީ ބޭނުންތަކާއި ދައުލަތުގެ ބޭނުންތަކުގެ އިތުރުން އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ޚާއްސަ ބޭނުންތަކަށެވެ.
ފަތުރުވެރިކަމުގެ ބޭނުމަށާއި ސިނާޢީ ބޭނުމަށް އެކަށައަޅާ ފަޅުރަށްރަށް ފިޔަވައި ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްރަށް ކުއްޔަށްދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން ކުރާނީ އެ ރަށެއްގެ ކައުންސިލުންނެވެ. ނަމަވެސް އެކި ބޭނުންތަކަށް ފަޅު ކުއްޔަށް ދޫކުރާނީ އެ ފަޅެއް ހަވާލުކޮށްފައިވާ ވުޒާރާއަކުންނެވެ.
މި ބިލުގެ ދަށުން ވިޔަފާރީގެ ބޭނުމަށް ފަޅުރަށެއް ދޫކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި ރާއްޖޭގައި ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕްތަކަށެވެ. އެ ނޫން ބޭނުންތަކަށް ދިވެހި ކޮންމެ ރައްޔިތަކަށްވެސް އަދި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކާއި ޖަމުޢިއްޔާތަކަށްވެސް ފަޅުރަށް ދޫކުރެވޭނެއެވެ.
ފަޅުތައް ކުއްޔަށް ދެވޭނީ ލާޖް ސްކޭލް އަދި މީޑިއަމް ސްކޭލް ސިނާޢީ މަސައްކަތްތަކާއި އެއް މިލިޔަން ރުފިޔާއަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ އިގްތިސާދީ މަސައްކަތްތަކާއި އެކުއަކަލްޗަރ އާއި އެއާ ގުޅުންހުރި މަސައްކަތްތަކަށެވެ.
އެކި ބޭނުންތަކަށް އެކަށައަޅާފައިވާ ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެ މުއްދަތު އިތުރުކުރުމަށް އެދޭ ހާލަތެއްގައި މުޅި ޖުމްލަ ކުއްޔަށްދޭ މުއްދަތު 50 އަހަރަށްވުރެ އިތުރު ނުވާގޮތަށް ކުއްޔަށް ދެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު