ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، އެފަދަ ތަންތަން ބޭނުންކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި “ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު” ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ. މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، މިހާރު އަމަލުކުރަމުންދާ “ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު” އުވާލައި، ޒަމާނީ ބޭނުންތަކަށް ފެތޭނޭހެން ފަޅުރަށްރަށާއި ފަޅުތައް އެކަށައެޅުމާއި، ކުއްޔަށް ދިނުމާއި، އަދި ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމެވެ. މި ބިލު ފާސްވެ ގާނޫނަކަށް ވުމުން ކިޔާނީ “ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ގާނޫނު” އެވެ.
ހުށަހެޅިފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ފަޅުރަށްރަށް އެކަށައެޅޭނީ:

- ފަތުރުވެރިކަމުގެ ބޭނުމަށް.
- ސިނާއީ (އިންޑަސްޓްރިއަލް) މަސައްކަތްތަކަށް.
- މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް.
- އިގްތިސާދީ އެހެނިހެން ބޭނުންތަކަށް.
- އިޖުތިމާއީ ބޭނުންތަކަށް.
- ދައުލަތުގެ ބޭނުމަށް.
- އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ހާއްސަ ބޭނުންތަކަށެވެ.
މި ބިލުގެ ދަށުން، ފަތުރުވެރިކަމަށާއި ސިނާއީ ބޭނުންތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްރަށް އެކަށައަޅާނީ އެ ރަށެއް ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލުންނެވެ. އަދި މިފަދައިން ރަށެއް އެކަށައަޅައިފި ނަމަ، އެ ރަށެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ފަޅުރަށްރަށް އެކަށައެޅުމުގައި ރިއާޔަތްކުރަންޖެހޭ އަސާސީ ކަންތައްތަކެއްވެސް ބިލުގައި ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި އެ ރަށެއްގެ ޓޮޕޯގްރަފީ ކަނޑައެޅޭ ބޭނުމަށް އެކަށީގެންވޭތޯ ބެލުމާއި، ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ މިންވަރާއި، ކައިރި ރަށްރަށުގެ މީހުންނަށް ކުރާނެ އަސަރުތަކަށް ބަލަންޖެހޭނެއެވެ. މީގެ އިތުރުން، ތިމާވެށި ނުވަތަ ދިރުންތައް ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތައް އެހެން ބޭނުމަކަށް ކަނޑަނޭޅޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އާ ބިލުގައިވާ ގޮތުން، ވަރުވާއަށް ލިޔެދެވޭ ރަށްތައް ފިޔަވައި އެހެން ހުރިހާ ފަޅުރަށްތަކެއް ބަލަހައްޓާނީ ކައުންސިލްތަކުންނެވެ. އަދި އެކި ބޭނުންތަކަށް އެކަށައެޅޭ ރަށްތަކުގެ ލިސްޓެއް އަހަރަކު އެއްފަހަރު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.
މި ބިލަކީ ރާއްޖޭގެ ފަޅުރަށްރަށުން ލިބޭ އިގްތިސާދީ މަންފާ އިތުރުކޮށް، އެތަންތަން ބޭނުންކުރުމުގައި ހާމަކަން ބޮޑު ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެކެވެ.









ކިޔުންތެރިންގެ ހިޔާލު