މާލޭގެ ގ. ފުންފަޅުގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެންނާއި، އެ އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ޖުމުލަ 109 މީހަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އެ ގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ 10:49 ގައެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ފަށައި، އެ އަލިފާންގަނޑު މުޅިން ކޮންޓްރޯލްކުރެވިފައިވަނީ ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން 11:48 ހާއިރުއެވެ. މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭގެ ފަސްވަނަ ފަންގިފިލާގައެވެ. އެ ފަންގިފިލާގައި ހުރި ގިނަ ސާމާނުތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އެންޑީއެމްއޭއާއި އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން އެ ތަނަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ފެންނަން ހުއްޓެވެ. ނަމަވެސް، މި ހާދިސާގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް މިހާތަނަށް ތަހުގީގުތަކުން ކަށަވަރުކުރެވިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭއިން ވަނީ ވަގުތުން ފަށާފައެވެ. އެ އިމާރާތުގެ 22 އެޕާޓުމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފައިވެއެވެ. މީގެ އިތުރުން، ހާދިސާ އެންމެ ބޮޑަށް ހިނގި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓުމަންޓުގައި ދިރިއުޅޭ 16 މީހަކަށް ފަސް ދުވަހުގެ މުއްދަތަކަށް ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ. އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް 95،000 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިމާރާތުގެ ބައެއް އެޕާޓުމަންޓުތަކުގައި މީހުން އަލުން ދިރިއުޅެން ވަނީ ފަށާފައެވެ. އެހެންނަމަވެސް، އަދިވެސް ގޭތެރޭގައި ދުމުގެ ވަސް ހުރިކަމާއި، އަލިފާނުގެ އަސަރު ކުރި ތަންތަން ވަރަށް ބޮޑަށް ކަޅުވެފައިވާކަން ފާހަގަކުރެވެއެވެ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ޖުމުލަ 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. އޭގެ ތެރެއިން 25 މީހަކަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދިންއިރު، ތިން މީހަކަށް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. މި ހާދިސާގައި ލިބުނު އުމްރާނީ ގެއްލުންތައް ދެނެގަތުމަށްޓަކައި އެސެސްމަންޓް ހެދުމުގެ މަސައްކަތް އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ.









ކިޔުންތެރިންގެ ހިޔާލު