ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު “މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026” ހުޅުއްވައިދެއްވައިފިއެވެ. މި އެކްސްޕޯއަކީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިންތިޒާމުކުރާ އެކްސްޕޯއެކެވެ.
މިއީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި، އަލަށް ތައާރަފުކުރާ ޚިދުމަތްތަކާގުޅޭ މައުލޫމާތު ހޯދައި، މާލީ ގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ އަމަލީ އިރުޝާދު ހޯދުމަށް އަގުހުރި ފުރުޞަތެއްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގައި ހިމެނޭ ސްޓޯލްތަކަށް ޒިޔާރްތަކުރައްވައި އެތަންތަނުން ފޯރުކޮށްދޭ މައުލޫމާތުތަކާއި ފުރުޞަތުތަކާ ގުޅޭ މައުލޫމާތުތައް ހޯއްދަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލީ ވަޒީރު ޙަސަން ޒަރީރާއި، އެހެން ބައެއް ވަޒީރުންގެ އިތުރުން ގަވަރުނަރު އަޙްމަދު މުނައްވައްރު ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އޮންނާނީ މިއަދުން ފެށިގެން މިމަހުގެ 4 ވަނަ ދުވަހަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް އެކްސްޕޯއަށް ވަނުމުގެ ފުރުސަތު އާންމުންނަށް ހިލޭ ވަނީ ހުޅުވާލެވިފައެވެ.
އެމްއެމްއޭއިން ވިދާޅުވީ މި އެކްސްޕޯގެ ތެރެއިން އާދައިގެ ސޭވިންގް އެކައުންޓެއް ހުޅުވުމުން ފެށިގެން، ލޯނަކަށް އެދުމާއި، އިންޝުއަރެންސް ނެގުމާއި އަދި މުސްތަގުބަލަށްޓަކައި މާލީ ކަންކަން ރޭވުން ފަދަ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ލިބޭނެ ކަމަށެވެ. އަދި އެމީހެއްގެ ބޭނުންތަކަށް އެންމެ އެކަށީގެންވަނީ ކޮން ޚިދުމަތެއްކަން ދެނެގަތުމަށްވެސް އެހީތެރިވެދޭނެއެވެ.
ވަކިވަކި ބޭންކުތަކަށް ނުވަތަ މާލީ އިދާރާތަކަށް ދިއުމުގެ ބަދަލުގައި، އެއް ފުރާޅެއްގެ ދަށުން ގިނަ އަދަދެއްގެ މާލީ އުފެއްދުންތަކާއި ޚިދުމަތްތައް އަޅާކިޔާލުމުގެ ފުރުސަތު މި އެކްސްޕޯއިން ލިބިގެންދާނެކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. ވިޔަފާރި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސިންގް އިދާރާތަކާއި، ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން މި އެކްސްޕޯގައި ބައިވެރިވެއެވެ.
މި އެކްސްޕޯއަކީ ވިޔަފާރިވެރިންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް މުހިންމު ހަރަކާތެއްކަން އެމްއެމްއޭއިން ފާހަގަކުރެއެވެ. މާލީ އެހީތެރިކަން ހޯދޭނެ ގޮތްތައް ބަލައި، ފައިސާ ދޫކުރާ ފަރާތްތަކާ ސީދާ މަޝްވަރާކޮށް، ރަސްމީ މާލީ ނިޒާމުގެ ތެރެއިން ވިޔަފާރިތަކަށް ލިބެން ހުރި އެހީތެރިކަން ދެނެގަނެވޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެކްސްޕޯގެ ތެރެއިން އާއިލާތަކާއި ކުޑަކުދިންނަށް ޚާއްސަ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އަދި މި ދާއިރާގެ މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ޚާއްޞަކޮށްގެން، ރާއްޖޭގެ މާލީ ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ޕެނަލް ޑިސްކަޝަންތައް ޖުލައި 2 އަދި 4 ގައި ކުރިއަށްދާނެކަމަށްވެސް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.












ކިޔުންތެރިންގެ ހިޔާލު