މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުރަތަމަ ފަހަރަށް ބޭއްވި “މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރު އެވޯޑްސް” ގައި، ރާއްޖޭގެ މާލީ ނިޒާމު ފުޅާކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުންނާއި މުއައްސަސާތަކުގެ އަގުވަޒަންކޮށް، “ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓަރު” އެވޯޑް ދީފިއެވެ.

އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި، ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކޮށް، އިތުބާރު ހިފޭ، ހަރުދަނާ އަދި ޒަމާނީ ދާއިރާއަކަށް ހެދުމަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ފަރާތްތަކަށް ވަނީ އެވޯޑް އަރުވައިފައެވެ.

މި އެވޯޑް މައިގަނޑު ދެ ބަޔަކަށް ބަހާލެވިފައިވެއެވެ. އެއީ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައި ފަރާތްތަކަށް އަރުވާ “ސްޕެޝަލް އެވޯޑް” އާއި، ވޭތުވެދިޔަ 45 އަހަރު ތެރޭގައި އެމްއެމްއޭ ހިންގެވުމުގައި އިސްކޮށް އުޅުއްވި ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަންކުރުމުގެ ބައެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި): ރާއްޖެއަށް ބޭންކިން ހިދުމަތް ތަޢާރަފުކޮށް، ޒަމާނީ މާލީ ނިޒާމެއްގެ ބިންގާ އެޅުމުގައި އަދާކުރި މުހިންމު ދައުރާއި، ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށް އެ ބޭންކުން ވެދީފައިވާ ދިގު މުއްދަތުގެ ހިދުމަތުގެ އަގުވަޒަންކޮށް ހާއްސަ އެވޯޑު.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް:، 1981 ވަނަ އަހަރު އެމްއެމްއޭ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ޒަމާނީ އަދި ވަރުގަދަ މާލީ ނިޒާމެއްގެ ބިންގާ އެޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅަށް.
އަލްމަރްހޫމް އިސްމާއީލް ފަތުހީ:، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ވިޔަފާރި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް މަގުފަހިކޮށްދެއްވައި، ބޭންކިން ދާއިރާ ތަރައްގީ ކުރެއްވުމަށް ކުރެއްވި ހިދުމަތުގެ އަގުވަޒަން ކުުރުން.
އިލްޔާސް އިބްރާހީމާއި އިބްރާހީމް ޝަފީގް: ރާއްޖޭގެ ފުރަތަމަ އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވައި، ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ކުރިއެރުވުމަށާއި މާލީ ރައްކާތެރިކަމުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރެއްވި އަގުހުރި މަސައްކަތްޕުޅަށް.

އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް: “ރަންދިހަފަހެއް” ނޫޓު ސީރީޒް ތަޢާރަފުކުރެއްވުމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މި މަޝްރޫއުގެ މައިގަނޑު މޭސްތިރިއެއްގެ ގޮތުން، ރާއްޖޭގެ ފައިސާ ޕޮލިމާ ނޫޓުތަކަށް ބަދަލުކުރައްވައި، ދިގު މުއްދަތަކަށް ހުންނަ، ސަލާމަތީ ގޮތުން ވަރުގަދަ އަދި ބައިނަލްއަގްވާމީ ފެންވަރުގެ ޒަމާނީ ފައިސާގެ ނިޒާމެއް ރާއްޖެއަށް ގެނެސްދެއްވުމުގައި އެކަމަނާ އަދާ ކުރެއްވި މުހިންމު ދައުރަށް.
ކުރީގެ ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަންކުރުން:
ހާއްސަ އެވޯޑުތަކުގެ އިތުރުން، އެމް.އެމް.އޭ އުފެދުނީއްސުރެ ގަވަރުނަރުކަމާއި ޑެޕިއުޓީ ގަވަރުނަރުކަން ކުރެއްވި ބޭފުޅުން، މަރުކަޒީ ބޭންކުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކޮށް އެވޯޑް އަރުވާފައިވެއެވެ.
އެވޯޑް ލިބިވަޑައިގެންނެވި ކުރީގެ ގަވަރުނަރުންނަކީ:
• ރައީސް މައުމޫން އަބްދުލްގައްޔޫމް – ގަވަރުނަރު (1981-2004)
• މުޙައްމަދު ޖަލީލް – ގަވަރުނަރު (2004-2005) އަދި ޑެޕިއުޓީ ގަވަރުނަރު(2000-2004)
• ގާސިމް އިބްރާހީމް – ގަވަރުނަރު (2005-2007)
• އަބްދުﷲ ޖިހާދު – ގަވަރުނަރު (2007-2008) އަދި ޑެޕިއުޓީ ގަވަރުނަރު(2005-2007)
• ޑރ. ފަޒީލް ނަޖީބް – ގަވަރުނަރު (2008-2013)
• ޑރ. އަޒީމާ އާދަމް – ގަވަރުނަރު (2014-2017)
• އަހްމަދު ނަސީރު – ގަވަރުނަރު (2017-2019)
• އަލީ ހާޝިމް – ގަވަރުނަރު (2019-2024)
އެވޯޑް ލިބިވަޑައިގެންނެވި ކުރީގެ ޑެޕިއުޓީ ގަވަރުނަރުންނަކީ:
• އިސްމާއީލް ފަތުހީ – ޑެޕިއުޓީ ގަވަރުނަރު (1981-1993)
• އާރިފް ހިލްމީ – ޑެޕިއުޓީ ގަވަރުނަރު (1993-2000)
އެމްއެމްއޭއިން ވިދާޅުވީ، ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި، މި ބޭފުޅުން ވަނީ އެމްއެމްއޭ އަކީ ރާއްޖޭގެ ފައިސާގެ ހަމަޖެހުން ދަމަހައްޓާ، މާލީ ނިޒާމު ރައްކާތެރިކޮށް، ގައުމީ ފައިސާ ނެރެ، ފައިސާ ދެއްކުމުގެ ނިޒާމުތައް ބަލަހައްޓައި، މާލީ އިދާރާތައް ސުޕަވައިޒްކުރާ ވަރުގަދަ މަރުކަޒީ ބޭންކަކަށް ހެއްދެވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.
މި ބޭފުޅުންގެ އިރުޝާދުގެ ދަށުން ރާއްޖޭގެ މާލީ ތާރީހުގައި ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމށްވެސް އެމްއެމްއޭއިން ވިދާޅުވެފައި ވެއެވެ. އޭގެ ތެރޭގައި ވިޔަފާރި ބޭންކިން ފުޅާވުމާއި، އިންޝުއަރެންސް ދާއިރާ ތަރައްޤީވުމާއި، ފައިސާ ދެއްކުމުގެ ނިޒާމު ޒަމާނީވުމާއި، މާލީ ޤަވާޢިދުތައް ހަރުދަނާވުމުގެ އިތުރުން، އައު ފައިސާގެ ސީރީޒްތައް ނެރުމާއި ފައިސާއާ ބެހޭ ސިޔާސަތުތައް އެކުލަވާލުން ހިމެނޭ ކަަމަށްވެސް ވިދާޅުވިއެވެ.












ކިޔުންތެރިންގެ ހިޔާލު