ނަމާދު ގަޑިތަކުގައި ކުޅިވަރު ކުޅުން މެދުކަނޑާލުމަށާއި، ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް (20 ވަރަކަށް މިނެޓަށް) ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ.
މީގެ އިތުރުން، އެކުވެނި ފަދަ ކުޅިވަރު ކުޅޭ މައިދާންތަކާއި އަލަށް ބިނާކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކުގައި ވުޟޫކޮށް ނަމާދު ކުރެވޭނެ ފެސިލިޓީތައް ގާއިމުކުރަން މިހާރު މަޝްވަރާ ކުރެވި، ތަންފީޒީ މަރުހަލާގައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ދިވެހި މުޖުތަމައަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު، އަމަލީ ގޮތުން ވެސް ދީނީ ހަމަތަކަށް ބޯލަނބަން ޖެހެއެވެ. ކުރިއަށް އޮތް މަސްތަކުގައި މާފަންނު ސްޓޭޑިއަމް ފަދަ ތަންތަނުގައި ނަމާދު ކުރާ ފެސިލިޓީތައް ގާއިމުކޮށް ނިމޭނެ ކަމަށާއި، ސްޕޯޓްސް މިނިސްޓްރީން ކުރިއަށްގެންދާ ހުރިހާ މަޝްރޫއެއްގެ ދަށުން ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވައި، ނަމާދު ގަޑިތަކުގައި ކުޅިވަރު ނުކުޅެވޭ ގޮތް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު