އެއްބަސްވުމެއް ހެދިޔަސް އެމެރިކާއިން އެ އެއްބަސްވުމަށް އިހްތިރާމް ކުރާނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަޤާޔީ ވިދާޅުވެއްޖެއެވެ.
މީޑިއާއަށް ދެއްވި ބަޔާނެއްގައި އިސްމާއިލް ބަޣާއީ ވިދާޅުވީ، އެއްބަސްވުމެއް ހެދުމަށް ޕާކިސްތާނު މެދުވެރިގެން އީރާނާއި އެމެރިކާއާ ދެމެދު ބޭއްވެމުންދާ ނުސީދާ ވާހަކަތަކުގައި، މައްސަލަތަކުގެ “ބޮޑުބައެއް” ހައްލު ކުރެވިފައިވާ ކަމަށެވެ.
އެހެން ނަމަވެސް، ދެންހުރި މައްސަލަތަކުގައި އެއްބަސްވުމަކަށް ނާދެވޭތީ، އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ކުޑަކަމަށް އޭނާ ވިދާޅުވިއެވެ. އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއްގެ ދެލިކޮޕީ އެކަށައެޅިއްޖެ ކަމަށް އެއްވެސް ފަރާތަކަށް ނުބުނެވޭނޭ ކަމަށްވެސް، ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.
އީރާނާއި އެމެރިކާއާ ދެމެދު އެއްގަލަކަށް ނޭރި ހުރި އެންމެ ހައްސާސް މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށްޓަކައި އީރާނުގެ އިސް ވެރިންގެ ވަފުދެއް މިހާރުވެސް ގަތަރުގައި އެބަ އުޅެއެވެ.
ގަތަށް ގޮސްފައިވާ އީރާނު ވަފުދުގައި، އެމެރިކާއާއެކު ދައްކާ ވާހަކަތަކުގެ އީރާނުގެ އެންމެ އިސް މަންދޫބު އަދި އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފާއި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއާއި، އީރާނުގެ ސެންޓެރަލް ބޭންކްގެ ގަވަރްނަރުވެސް ހިމެނިވަޑައި ގަންނަވައެވެ.
އެއްބަސްވުމަކަށް ނާދެވިގެން އުޅޭ މައްސަލަތަކުގެ ތެރޭގައި، އެމެރިކާއިން ގަނޑުކޮށްފައި ހުރި އީރާނުގެ މުދަލާއި ފައިވާ ދޫކޮށްލުމުގެ މައްސަލަ ހިމެނެއެވެ. މިއީ އީރާނުގެ އެންމެ މުހިންމު އެއް ޑިމާންޑެވެ.
މީގެއިތުރުން، އީރާނުގައި ހުރި ޔޫރޭނިއަމްގެ މައްސަލައާއި، ހޮރްމޫޒުގެ މައްސަލަވެސް ހިމެނެއެވެ.
އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، ހޮރްމޫޒު ހުރަސްކުރާ އުޅަނދުފަހަރުން ފީއެއް ނަގަން އީރާނުން މަސައްކަތް ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި އީރާނާއި އުމާނުން މަސައްކަތް ކުރަމުންގެންދަނީ ހޮރްމޫޒު ހުރަސްކުރާ އުޅަނދުފަހަރަށް ދޭންޖެހޭ ރައްކާތެރިކަމާއި، ނެވިގޭޝަން ޚިދުމަތާއި، ހޮރްމޫޒު ކަނޑުއޮޅިއާއި، ޕާޝިއަން ގަލްފާއި އަދި އުމާން ކަނޑުގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ނަގަން މަސައްކަތްކުރާ ފީއެއް ކަމަށެވެ. އެކަމާ ގުޅޭ އުސޫލެއް ހެދުމަށް އީރާނާއި އުމާނުން މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް އިސްމާއިލް ބަޤާޔީ ވިދާޅުވިއެވެ.
އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ހެދުމަކީ މުޅި ދުނިޔެ އިންތިޒާރު ކުރަމުންދާ ކަމެކެވެ.
ސަބަބަކީ އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓާލުން ނުވަތަ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ އެއްބަސްވުމެއް ހަދާތީއެއް ނޫނެވެ. ދުނިޔެ ބަލަމުންދަނީ ތޭލާއި ގޭހާއި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށްގޮސް ގައުމުތައް ތަހައްމަލް ކުރަމުންދާ އިގްތިސާދީ ދަތިތަކުން އަރައިގަނެވޭނެ ފުރުސަތަކަށެވެ.










ކިޔުންތެރިންގެ ހިޔާލު