މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ އިސްވެރިޔަކަށް ނުވަތަ އަމީރުލް ޙައްޖުގެ ގޮތުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައެޅުއްވި ވަޒީރު މުޙައްމަދު ސަޢީދު ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެމިރޭޓްސްގެ ފްލައިޓެއްގައި ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފައެވެ.
ރާއްޖޭގައި އާންމުކޮށް ކޮންމެ އަހަރަކުވެސް އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. މިދިޔަ އަހަރު މި މަގާމަށް ކަނޑައަޅުއްވާފައިވަނީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު އެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށްދާ އެންމެ ފަހު ގްރޫޕުގައި ހިމެނޭ 253 ޙައްޖުވެރިންވެސް އިއްޔެ ހެނދުނު ވަނީ ސައުދީއަށް ފުރާފައެވެ. މިއާއެކު 1447 ވަނަ އަހަރުގެ މަތިވެރި ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ފުރި ހުރިހާ ޙައްޖުވެރިން މިހާރު ވަނީ ސައުދީއަށް ގޮސްފައެވެ.
ޙައްޖުވެރިން އުފުލުމަށް މިއަހަރު ބޭނުންކޮށްފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓާއި ސައުދީ އެއާލައިންސްގެ ދެ ފްލައިޓެވެ.
ސައުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ދެމުން އަންނަނީ 1000 ޙައްޖު ކޯޓާއެވެ. މިއަހަރުގެ ޙައްޖުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ޙައްޖު މިޝަނާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު