ނިމިދިޔަ އަހަރު ރާއްޖޭގެ ކޮންސްޓަރަކްޝަން އިންޑަސްޓްރީ ނުވަތަ ޢިމާރާތްކުރުމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް އައިސްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޕޯޓުން ދައްކައިފިއެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން ވިޔަފާރި ބޭންކުތަކުން އިމާރާތްކުރުމާއި ރިއަލް އެސްޓޭޓް ދާއިރާއަށް ދޫކޮށްފައިވާ ލޯނު ވަނީ މިދިޔަ އަހަރު %13 އިތުރުވެފައެވެ. 2024ވަނަ އަހަރު ބޭންކުތަކުން އިމާރާތްކުރުމުގެ ސިނާއަތައް ދޫކޮށްފައިވާ ލޯނުގެ އަދަދު ހުރީ %10 ގައިކަމަށް މި ރިޕޯޓުން ދައްކައެވެ.
ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދަށް އައި މި ކުރިއެރުމަކީ މައިގަނޑު ގޮތެއްގައި އަލަށް ތަރައްގީކުރާ ރިސޯޓުތަކަށާއި، މީހުން ދިރިއުޅޭ އިމާރާތްތަކާއި ހައުސިންގ މަޝްރޫއުތަކުގެ އިތުރުން ރިއަލް އެސްޓޭޓް ތަރައްގީކުރުމުގެ އެކި މަސައްކަތްތަކަށް ދޫކުރި ލޯނު އިތުރުވުމާ ގުޅިގެން އައި ބަދަލެއްކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.
2024 ވަނަ އަހަރު އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން %1.7 ވަނީ ދަށްވެފައެވެ. ނަމަވެސް މިދިޔަ އަހަރު މި ދާއިރާއިން ވަނީ %3.7 ގެ ކުރިއެރުމެއް ހޯދާފައެވެ. އަދި ރިއަލް އެސްޓޭޓް ދާއިރާގެ އުފެއްދުންތެރިކަން 2024 ވަނަ އަހަރު 5.3 އިންސައްތައިގެ ކުރިއެރުމެއްގައި ހުރުމަށްފަހު، 2025 ވަނަ އަހަރު ވަނީ 3.1 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

2025ވަނަ އަހަރުގެ ތެރޭގައި އިމާރާތްކުރުމާއި ރިއަލް އެސްޓޭޓް ދާއިރާގެ ހަރަކާތްތައް ބޮޑުތަނުން އިތުރުވެފައިވާކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ. މިއީ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކުރި މިންވަރަށް އައި ބަދަލުން ސާފުކޮށް ފެންނަން އޮތް ކަމެއްކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ. އެގޮތުން، 2024 ވަނަ އަހަރު މިފަދަ ތަކެތީގެ އިމްޕޯޓް %7 ދަށްވި ނަމަވެސް، 2025 ވަނަ އަހަރު ވަނީ %11 ގެ ކުރިއެރުމެއް ހޯދާފައެވެ.
މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ސާމާނު ދަތިނުވެ ލިބޭނެގޮތް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.






ކިޔުންތެރިންގެ ހިޔާލު