ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިއު ރޭޑިއަންޓުން އެފްއޭ ކަޕް ކާމިޔާބުކޮށްފި

STO_Ads

ދިގު އިންތިޒާރަކަށްފަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭ ކަޕް ކާމިޔާބުކޮށް، އެ ކްލަބުގެ 50 ވަނަ ޓްރޮފީ ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ރަސްމީ ފުޓުބޯޅަ ދަނޑުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިއު ރޭޑިއަންޓުން މި ހޯދި ކާމިޔާބާއެކީ އެ ޓީމު މިވަނީ މިހާރު 13 ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. މިއާއެކު އެ ޓީމުން 50 ވަނަ ޓްރޮފީ ހާސިލްކުރިއިރު މިކަމަށް ކުރަން ޖެހުނު އިންތިޒާރު ދިގުވީ 2018ވަނަ އަހަރު އެފްއޭއެމުން އެ ކްލަބް ސަސްޕެންޑް ކުރުމުންނެވެ. އެ އަހަރުގެ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދާފައި ވަނިކޮށް، 50ވަނަ ތައްޓަށް ކުރަންޖެހުނު އިންތިޒާރު ދިގުވީ އެ ސަބަބަށްޓަކައެވެ.

އެ ޓީމުގެ ސަސްޕެންޝަނުގެ އަދަބުން ސަލާމަތްވެ، 2022 ގައި އަލުން ފުޓްބޯޅަ އަށް އެނބުރި އައީ ދެވަނަ ޑިވިޝަނަށެވެ. ދެ އަހަރު ދެވަނަ ޑިވިޝަންގައި ކުޅުމަށްފަހު، އަލުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ލިބުނީ ކުރިން ފުރަތަމަ ޑިވިޝަނުގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ދޫކޮށްލި ޖާގައަށް ނިއު ޕްރޮމޯޓް ކުރުމުންނެވެ.

Maldivian_Ads

ނިއުއިން މީގެ ކުރިން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދީ 2017 ގަ އެވެ. އެ އަހަރު ވެސް އެ ޓީމުން ފައިނަލުގައި ކާމިޔާބު ހޯދީ ޓީސީއާ ދެކޮޅަށެވެ.

ރޭގެ މެޗުގައި ނިއު ރޭޑިއަންޓުން ޓީސީގެ މައްޗަށް ކުރި ހޯދީ 3-0އިންނެވެ. މި މެޗުގައި ނިއު ރޭޑިއަންޓުން ލީޑު ނެގީ ޓީސީގެ އޭރިއާ ތެރެއިން އެ ޓީމުގެ ހަސަން އީނާޒް، އަލީ ފާސިރު (ސެންޓޭ)އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.

ފާސިރުގެ މި “ޕެނަންކާ” ޕެނަލްޓީއަކީ ފައިނަލެއްގައި ކޮންމެކޮންމެ ކުޅުންތެރިއަކަށް ތަޖުރިބާ ކޮށްލަން ކެރޭނެ ސްޓައިލެއް ނޫނެވެ. ނަމަވެސް އޭނާ ވަނީ އިތުބާރާއެކު ގޯލުގެ މެދަށް ޕެނަލްޓީ ފޮނުވާލާފައެވެ. މިއީ މި އަހަރުގެ އެފްއޭ ކަޕްގައި އޭނާ ކާމިޔާބުކުރި 8ވަނަ ގޯލު، އަދި ސީޒަންގައި ޖެހި 20ވަނަ ގޯލެވެ.

އޭގެ ފަހުން ނިއު ރޭޑިއަންޓުގެ ފަހު ދެ ގޯލު ކާމިޔާބުކުރީ ނައިޖީރިއާގެ ފޯވާޑް އަލްހާޖީ ޖެރޯއެވެ.

މިއާއެކު ނިއު ރޭޑިއަންޓުން ހޯދި 50 ތައްޓާ އެއްވަރަށް ދިވެހި ފުޓުބޯޅައިގެ އެންމެ އުހުގައި އެހެން އެއްވެސް ކްލަބަކަށް ތަށި ހޯދިފައެއް ނުވެއެވެ.

ހޮނިހިރު ދުވަހު ވަނީ މުބާރާތުގެ ތިންވަނަ ހޮވާ މެޗު ވެސް ކުޅެފައެވެ. އެ މެޗުގައި ބްލޫ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1އިން ކުރި ހޯދައި މުބާރާތުގެ ތިންވަނަ ހޯދީ ބުރު ސްޕޯޓްސް ކްލަބެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު