ހުޅުމާލެ ފޭސް 2 ގެ ބައެއް ޓަވަރުތަކުން މިއަދު ކަރަންޓު ކެނޑުނީ، އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ މައި ކޭބަލަކަށް ބިން ކޮންނަނިކޮށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަދުގެ މެންދުރު ފަހުން ފެށިގެން ފޭސް 2 ގެ ގިނަ ޓަވަރުތަކަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލަ ދިމާވީ ފޭސް 2 އަށް ކަރަންޓު ފޯރުކޮށްދޭ ހަތަރު މައި ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ލިބުނު ގެއްލުމަކާ ގުޅިގެންނެވެ. ބެލެވޭ ގޮތުގައި މި ގެއްލުން ލިބުނީ އެ ސަރަހައްދުގައި ބިން ކޮނުމުގެ މަސައްކަތެއް ކުރިއަށްދަނިކޮށް ކޭބަލުގައި އެއްޗަކުން ޖެހިގެންނެވެ.
ކަރަންޓް ކެނޑިފައި ވަނީ ހިޔާ އާއި ވިނަރެސްގެ އިތުރުން އަމާން ދޯދީގެ ބައެއް ޓަވަރުތަކުންނެވެ.
ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި، ފޭސް 2 ގައި ކަރަންޓު ބޭނުންކުރާ މިންވަރު މަތިވުމުގެ ސަބަބުން، ބާކީ ހުރި ތިން ކޭބަލް ބޭނުންކޮށްގެން މުޅި ސަރަހައްދަށް ފުރިހަމައަށް ކަރަންޓު ދިނުމަކީ މިވަގުތު އޮތް ބޮޑު ގޮންޖެހުމެކެވެ.
މިހާރު ސްޓެލްކޯގެ ޓެކްނިކަލް ޓީމުތަކުން މަސައްކަތް ކުރަމުންދަނީ ކަރަންޓުގެ ލޯޑު އެހެން ކޭބަލްތަކަށް ބަހާލައިގެން، ހުރިހާ އިމާރާތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓު ފޯރުކޮށްދިނުމަށެވެ. ނަމަވެސް، ކަރަންޓު މުޅިން އިއާދަކުރެވޭނެ ސީދާ ވަގުތެއް އަދި ނޭނގެއެވެ.
ކިޔުންތެރިންގެ ހިޔާލު