ގދ. އަތޮޅު މަދަރުސާގައި މަސައްކަތްކުރާ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ހަމަލާދިނުމާ ގުޅިގެން، އެ މުދައްރިސަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ލުފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ގދ. ގައްދޫގައި ހުންނަ އެ ސްކޫލުގެ މުދައްރިސަކަށް ދަރިވަރަކު ހަމަލާދިން ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 11:46 ހާއިރުއެވެ. ހަމަލާ ލިބުނު މުދައްރިސަކީ އެ ސްކޫލުގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތެކެވެ.
ހަމަލާގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގައްދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، އިތުރު ފަރުވާއަށް މިހާރު ވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އެ މުދައްރިސު ބަދަލުކޮށްފައެވެ.
ފުލުހުން ބުނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުގައި، ދަރިވަރު މުދައްރިސަށް ހަމަލާދިނީ ކޮމްޕިއުޓަރު ކްލާހެއްގެ ތެރޭގައި ވީޑިއޯ ގޭމް ނުކުޅުމަށް މުދައްރިސު އެންގުމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުމެއްގައެވެ.
މި ހާދިސާއާ ގުޅިގެން ސްކޫލުގެ ބެލެނިވެރިންނާއި އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު