ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ބޮޑުވިނަމަވެސް އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ވަނީ ތެލުގެ އަގު އިންތިހާއަށް އުފުލިފައެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ވަޒީރުންގެ ކޮމެޓީން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު ރާއްޖެއިން އެކަން ގާތުން ބަލަމުންދާކަމަށެވެ. ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ޚަބަރާއެކު ސާފުނުކުރާ ތެލުގެ އަގު ދަށަށް ދިޔަ ކަމަށާއި ނަމަވެސް އަގަށް އައި ބަދަލު ސާފުކުރި ތެލުން ފެނިފައި ނުވުމުން، ދެން އެންމެ އަވަހަށް ބަދަލެއް ފެންނާނީ ހޯމަ ދުވަހުގެ ފަހުން ކަމަށެވެ.
ސުލްހައިގެ މަޝްވަރާތަކުން މިހާތަނަށް ގޮތެއް ނިންމިފަައި ނުވާތީ، ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ މިންވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާލާތާއި ގުޅިގެން ތެލުގެ އަގު އުފުލި ދައުލަތުގެ ބަޖެޓަށް އެކަމުން ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ބައިނަލްއަޤްވާމީ އެކި އިދާރާތަކާއިއެކު މިމަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދަތިކަމެއް މިވަގުތަށް ދަންނަވާލަން އޮތީ އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ޝެޑިއުލްގައި އޮތްގޮތަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ރާއްޖެއަށް ދަތިކަމެއް ނެތި ތެޔޮ ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު