މިމަހުގެ އަށަކުން 11 އަށް އިންޑިއާގެ ޝިމްލާގައި ކުރިއަށްދާ ދެކުނު އޭޝިއާ ޖޫނިއާ ޓީޓީ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުން ރާއްޖޭން ރިހި މެޑަލް ހޯދައިފިއެވެ.
އިންޑިއާގައި އިއްޔެ ފެށި މުބާރާތަކީ ންނަ ޖޫން މަހު އޮމާންގެ މަސްކަޓްގައި އޮންނަ އޭޝިއަން ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަން މުބާރާތެއްވެސް މެއެވެ. މުބާރާތުގައި ރާއްޖޭން ވާދަކުރަނީ 15 އަހަރުން ދަށުގެ ކެޑޭޓް ކެޓަގަރީއާއި 19 އަހަރުން ދަށުގެ ޖޫނިއާ ކެޓަގަރީގައެވެ.
މުބާރާތުގެ ޓީމް އިވެންޓްތައް އިއްޔެއިން ފެށިގެން ކުރިއަށްދާ އިރު، ޓީމް އިވެންޓުން ރިހި މެޑަލް ރާއްޖޭން ހޯދީ ލީގު ބުރުގެ ދެވަނަ ޔަގީން ކޮށްގެންނެވެ. ރިހި މެޑަލް ހޯދި ޓީމުގައި ހިމެނެނީ އައިޝަތު މަލަކް ތާސީން، އައިޝަތު އަލްސާ ނާފިޒް އަދި ސާރާ މޫސާ ޖަލީލެވެ.
އަންހެން 15 އަހަރުން ދަށުގެ ޓީމް އިވެންޓުގައި ރާއްޖޭން ބަލިވެފައި ވަނީ އިންޑިއާ ކައިރިން އެކަންޏެވެ. އެއީ 3-0 އިންނެވެ. އޭގެފަހުން 3-2 ގޭމުން ރާއްޖޭން ނޭޕާލް ބަލިކުރި އިރު، ރާއްޖޭން ސްރީ ލަންކާވެސް ބަލިކުރީ 3-2 ގޭމުންނެވެ. އަދި ބަންގްލަދޭޝް ކައިރިން ރާއްޖެ ވަނީ 3-1 ގޭމުން މޮޅުވެފައެވެ.
މުބާރާތުގެ ޓީމް އިވެންޓްތައް މިއަދު ނިމިފައިވާ އިރު، ފިރިހެން 15 އަހަރުން ދަށުގެ ޓީމު ނިންމާލީ ގްރޫޕްގެ ފަސްވަނައިގައެވެ. އެ އިވެންޓްގެ ރަން މެޑަލްވެސް ނެގީ އަންހެން އިވެންޓްގެވެސް ރަން މެޑަލް ނެގި އިންޑިއާއިންނެވެ. ފިރިހެން 19 އަހަރުން ދަށުގެ ޖޫނިއާ ޓީމް އިވެންޓުންވެސް ރާއްޖެއަށް ހަތަރު ވަނަ ލިބުނު އިރު، ޖޫނިއާ އަންހެން ޓީމް އިވެންޓުންވެސް ރާއްޖެއަށް ލިބުނީ ހަތަރު ވަނައެވެ.
ކިޔުންތެރިންގެ ހިޔާލު