ލުބުނާނުގެ ވެރިރަށް ބެއިރޫތާއި، އެހެން ރަށްތަކަށް އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން އިއްޔެ ދިން ވަރުގަދަ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކުރިއަށް އެބަދެއެވެ.
ވެއްޓިފައިވާ އިމާރާތްތަކާއި ގެތަކުގެ ދަށުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް، ލުބުނާނުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
އިސްތިއުމާރީ ސިފައިން ބެއިރޫތުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވަރުގަދައަށް ބޮންއެޅީ ކުރިން އެއްވެސް އިޒާރެއް ދިނުމަކާ ނުލައެވެ.
އިއްޔެގެ ހަމަލާތަކުގައި އެކަނިވެސް 254 މީހުން މަރުވެފައިވާއިރު، ޒަޚަމްވި މީހުންގެ އަދަދުޔ 1200 އާ ގާތް ކުރެއެވެ. މަރުވި މީހުންގެ އަދަދުތައް އަދިވެސް އިތުރުވާނޭ ކަމަށް ލަފާކޮށްފައި ވެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ދިން މި ހަމަލާތަކުގައި މަރުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި އެތައް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ އެތައް ބަޔަކު ހިމެނޭ ކަމަށް، ލުބުނާނުގެ ރެޑް ކްރެސެންޓުން ބުނެފައި ވެއެވެ.
އިއްޔެގެ އުދުވާނީ ހަމަލާތަކާ ގުޅިގެން ލުބުނާނުގައި މިއަދަކީ ގައުމީ ހިތާމައިގެ ދުވަހެކެވެ.
އިސްތިއުމާރީ ޓެރަރިސްޓުން 10 މިނެޓް ތެރޭ ލުބުނާނުގެ ވެރިރަށާއި، އެހެން ރަށްތަކުގެ 100 ތަނަކަށް 160 ބޮން ވައްޓާލާފައި ވެއެވެ.
އިސްތިއުމާރީ ސިފައިން ލުބުނާނުގެ ވެރިރަށަށް މިއަދުވެސް އުދުވާނީ ހަމަލާތައް ދީފާނެތީ ވެރިރަށުގެ އާންމުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ބެއިރޫތަށް ހަމަލާ ނުދިން ނަމަވެސް، ލުބުނާނުގެ ދެކުނުގެ އަވަށްޓަކަށް ޓެރަރިސްޓުން މިއަދުވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ. މި ހަމަލާތަކުގައި އެތައް އިމާރާތެއް ބިމާހަމަކޮށްލާފައިކާން ވީޑިއޯތަކުން ހާމަވާއިރު، މަރުވި މީހުންގެ ތަފްސީލްތަކެއް އަދި ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު