
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކި ކުރަން, 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައިވާތީ، އެކަމާ މެދު ގޮތެއް ނިންމަން އަންނަ ހޯމަ ދުވަހު ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލްކޮށްފިއެވެ.
އެމްޑީޕީގެ އޮފިޝަލަކު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަން މަގާމުން ވަކި ކުރެވޭނީ ގައުމީ މަޖިލީހުން ހާޒިރުވެ، ވޯޓް ދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މަޖިލީހުގައި 123 މެންބަރުން ތިބޭއިރު ކޯރަމް އަކީ 31 އެވެ.

ގަޕޯ ވަކިކުރަން ހުށަހެޅީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދާއި ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް ކުއްލިގޮތަކަށް މަގާމުން ވަކިކުރުމުންނެވެ. އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެ ދެ ބޭފުޅުން ވިދާޅުވީ އެއީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކުރި ކަމެއް ކަމަށެވެ.
މީގެއިތުރުން ކައުންސިލް އިންތިޚާބުގެ ކާމިޔާބީގެ އުފާފާޅުކުރަން ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވާހަކަދެއްކުމަށް ފުރުސަތުދޭން ނިންމުމަށްފަހު ފަހުން ގަޕޯ ވަނީ އެ ފުރުސަތު ނުދޭން ނިންމާފައެވެ. މިކަމާ ގުޅިގެން އެ ޕާޓީގެ އެކި ފެކްޝަންތަކުގެ މެދުގައި ދަނީ ބަހުގެ ހަމަލާތަކެއް އަމާޒުކުރަމުންނެވެ.







ކިޔުންތެރިންގެ ހިޔާލު