އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުން އިބްރާހިމް ވަހީދު (އިބުރޭ) މިއަދު ވަކިކޮށްފިއެވެ.
މަގާމުން ވަކި ކުރިކަން އިބްރާހީމް ވަހީދަށް އެންގުމުގެ ގޮތުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ފޮނުއްވި ސިޓީގައި ވަކި ކުރި ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ.
އެ ސިޓީގައި ޣަފޫރު ވިދާޅުވީ ވަހީދު މަގާމުން ވަކި ކުރީ އެ މަގާމުން އޭނާ ވަކި ކުރަން ޕާޓީގެ ގައުމީ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިނުވާތީ ކަމަށެވެ.
“ޗެއާޕާސަންގެ ނައިބުކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަންޖެހޭ ކަމަށް ބަޔާންކޮށްފައިނުވާތީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމުން އިބްރާހިމް ވަހީދު ވަކިކޮށްފި ކަމުގައި ދެންނެވިން،” ޣަފޫރު ވިދާޅުވެފައިވެއެވެ.
އިބުރޭގެ އިތުރުން އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު އަހުމަދު މައުރޫފް ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.
އެ ބޭފުޅުންނަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ފެކްޝަންގެ ބޭފުޅުންނެވެ. އުފާފާޅުކުރަން ރޭ އެމްޑީޕީން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދައްކަން ފުރުސަތު ނުދިމުން އެ ދެ ބޭފުޅުން ވަނީ އެކަން ކުށްވެރިކުރައްވައި ވާހަކަދައްކަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު