ފޭސްބުކް މާކެޓްޕްލޭސް ފަދަ ވަސީލަތްތައް މެދުވެރިކޮށް އޮންލައިންކޮށް މުދާ ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގަމުންދާ އާ ބާވަތެއްގެ ސްކޭމަކާ ގުޅިގެން އާންމުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން މިއަދު އަންގައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ”ރިޕެއާ ސްކޭމް“ ގެ ނަމުން ނަންދީފައިވާ މި އަމަލަކީ، އޮންލައިން ވިޔަފާރީގެ ތެރެއިން މީހުންގެ އިތުބާރު ހޯދައިގެން މަކަރާއި ހީލަތުން ފައިސާ ފޭރުމަށް ރާވައިގެން ހިންގާ އާ އުކުޅެކެވެ.
މި ސްކޭމް ހިންގާ ގޮތުގެ ތަފްސީލު ދެމުން އެންޓި ސްކޭމް ސެންޓަރުން ބުނެފައިވަނީ، ސްކޭމަރުން އެންމެ ފުރަތަމަ އަމާޒުކުރަނީ ފޭސްބުކް މާކެޓްޕްލޭސްގައި ވިއްކާލެވިފައިވާ ކަމަށް ޖަހާފައިވާ ތަކެއްޗަށެވެ. އެއަށްފަހު، އެ މުދަލެއް ވިއްކި ފަރާތަށް ގުޅައި ނުވަތަ މެސެޖުކޮށް، އެ މުދަލަކީ އެ މީހުން މަރާމާތުކުރި އެއްޗެއް ކަމަށް ބުނެ އޮޅުވާލައިގެން އިތުބާރު ހޯދައެވެ.
މިގޮތަށް އިތުބާރު ހޯދުމަށްފަހު، މުދާ މަރާމާތުކޮށް ނިންމާފައިވާ ކަމަށް ބުނެ، އެކަމުގެ އުޖޫރަ ނުވަތަ ”ރިޕެއާ ފީ“ ދެއްކުމަށް ސްކޭމަރުން އެދެއެވެ. އަދި ބައެއް ފަހަރު މީހުންނަށް އޮޅުވާލުމަށްޓަކައި ފޭކް ރިސިޕްޓް ނުވަތަ އިންވޮއިސް ވެސް ތައްޔާރުކޮށްގެން ފޮނުވާކަން ފުލުހުންގެ ތަހުގީގުތަކަށް ވަނީ ފާހަގަކުރެވިފައެވެ.
މިފަދަ މަކަރާއި ހީލަތުގެ އަމަލުތަކުން ސަލާމަތްވުމަށްޓަކައި، ކުރިން ނުދަންނަ ފަރާތްތަކަށް އެއްވެސް ހާލަތެއްގައި ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި މުދަލެއް މަރާމާތުކުރަން ތިމާ އަމިއްލައަށް ހަވާލުނުކުރާ ފަރާތަކުން ފައިސާއަށް އެދުނު ކަމުގައިވިޔަސް، ފައިސާ ފޮނުވުމުގެ ކުރިން މައުލޫމާތު ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ރާއްޖޭގައި އޮންލައިން ސްކޭމްތަކުގެ މައްސަލަތައް އިތުރުވަމުންދާތީ، ފުލުހުން ދަނީ ބޭންކްތަކާ ގުޅިގެން ސްކޭމް ފައިސާ ހިފެހެއްޓުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެހެންކަމުން، އޮންލައިންކޮށް މުއާމަލާތްކުރާއިރު މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު