ގއ. ވިލިނގިލީ އެމްޑީޕީ ދާއިރާގެ ނައިބު ރައީސް އަމީޒް ހަސަން މަޤާމުގެ މަސްޢޫލިއްޔަތްތަކުންނާއި، ޕާޓީގެ ހަރަކާތްތަކުން ވަގުތީގޮތުން އެކަހެރިކުރަން ނިންމައިފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެމް.ޑީ.ޕީ ކެންޑިޑޭޓުންނާއި ދެކޮޅަށް އެދާއިރާގައި މަސައްކަތް ކުރާކަމުގެ މައްސަލައިގެ ތަހުޤީޤު ކުރިއަށްދާތީ، މައްސަލައާއިމެދު ވަކިގޮތެއް ނިމެންދެން އަމީޒް ޙަސަން ހުރި ޕާޓީގެ މަޤާމުގެ މަސްޢޫލިއްޔަތްތަކުންނާއި، ޕާޓީގެ ހަރަކާތްތަކުން ވަގުތީގޮތުން އެކަހެރިކުރަން މިއަދު ބޭއްވުނު ބައްދަލުވުމުގައި ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވާކަމަށެވެ.
އެނގިފައިވާގޮތުގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް މައްސަލަ ހުށައެޅުއްވީ އެދާއިރާގެ ރައީސް ޙުސައިން ޙަސަންއެވެ. މިއާއެކު އަމީޒާ ދެކޮޅަށް މައްސަލަ ނިންމެވީ ބައްދަލުވުމުގައި ބައިވެރިވި ދެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަމީޒް ކެމްޕެއިން ކުރަމުންދަނީ އެދާއިރާއަށް ވާދަކުރާ އަމިއްލަ ކެންޑިޑޭޓުންނަށެވެ. އެކަމުގައި އިސްކޮށް ހުންނެވީ އެދާިރާގެ ކުރީގެ މަޖިލިސް މެންބަރު ސަޢުދު ޙުސައިންކަމަށްވެސް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު