ސޯޝަލް މީޑިއާގައި މަޝްހޫރު އިންފުލުއެންޒާ ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން)ގެ ބޯޓުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހު ފަށަން ތާވަލުކޮށްފިއެވެ.
މިއީ ދަށު ކޯޓުން ކައިޒީންއާ ދެކޮޅަށް ނިންމާފައިވާ ހުކުމެއްގެ އިސްތިއުނާފު މައްސަލައެކެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ސަލީމެވެ.
މިއީ، ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީންއާއި އޭނާގެ ބައްޕައާ ދެމެދު ޖެހިފައިވާ މައްސަލައެކެވެ.
ކައިޒީން ކުރި ދައުވާގައި ވަނީ އޭނާ ހަވާލުކުރި 3.6 މިލިއަން ރުފިޔާ ބޭނުންކޮށްގެން އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅަށް ގަނެދިން ބޯޓު އޭނާގެ ރުހުމެއް ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މީގެ ކުރިން ސިވިލް ކޯޓުން ވަނީ ބޯޓުގެ ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ކޯޓުން ގޮތް ނިންމަންދެން، ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައެވެ.
އެ މައްސަލައިގައި ކައިޒީންގެ ބައްޕަ ބުނެފައި ވަނީ، ބޯޓު ގަނެފައި ވަނީ ކައިޒީންގެ ފަރާތުން އޭނާއާ އެ މަސައްކަތް ހަވާލުކޮށްގެން ކަމަށް ދައުވާގައި ބުނެފައިވީ ނަމަވެސް ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ނަމަކަށް އޮންނާނީ އިބްރާހީމް އަލިފުޅުގެ ނަން ކަމަށެވެ. އެހެންކަމުން އެ ބޯޓު ގަނެފައި ވަނީ އޭނާ ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ހުރެގެން ސާފުކޮށް އެނގޭ ކަމަށް އޭނާ ކިޔައިދިނެވެ.
ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރުމާ މެދު އައިސްފައިވާ ހަދީސަކުން، ދަރިއެއްގެ މުދަލެއް މައިންބަފައިން ބޭނުންކޮށްގެން އެ ފަރާތެއްގެ މައްޗަށް ދައުވާ ނުކުރެވޭނެކަން ހާމަވާ ކަމަށް ކައިޒީންގެ ބައްޕަ ދައުވާއަށް ދިން ޖަވާބުގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު