ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަރަވަންދޫ އެއަރޕޯޓުގެ އައު ޓަރމިނަލް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

Dharavandhoo
ދަރަވަންދޫ އެއަރޕޯޓުގެ އައު ޓަރމިނަލްގެ ކުރެހުމެއް–

ބ. ދަރަވަންދޫ އެއަރޕޯޓްގެ ޓަރމިނަލް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް މިއަދު ފަށްޓަވައިދެއްވީ އެރަށޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. މި ރަސްމިއްޔާތުގައި ވަނީ ދަރަވަންދޫ އެއަރޕޯޓް ހިންގުން އައިލެންޑް އެވިއޭޝަން ސަރވިސަރސްއާ ރަސްމީކޮށް ޙަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި އެ ކުންފުނިން ވަނީ ދަރަވަންދޫ އެއަރޕޯޓް ތަރައްޤީ ކުރަން ނިންމާފައިވާ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަން ދައްކާފައެވެ.

ދަރަވަންދޫ އެއަރޕޯޓުގެ ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެއާޕޯޓުގެ ޓާމިނަލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވެއެވެ. އެގޮތުން ޖުމްލަ 814 އަކަމީޓަރުގެ ޖާގައެއްގައި ޢިމާރާތްކުރުމަށް ނިންމާފައިވާ ޓަރމިނަލްގައި އެރައިވަލް ހޯލް ބޮޑުކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރު ކުރުމުގެ އިތުރުން ޑިޕާޗަރ ހޯލުގައި ކެފޭއަކާއި، ޑިޕާޗަރ ގޭޓެއް އިތުރުކުރުން ހިމެނެއެވެ. މި މަސައްކަތުގެ ޑިޒައިން އަދި ކޮންސަލްޓެންސީ މަސައްކަތް ކޮށްފައިވަނީ، އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

އެއްފަހަރާ 175 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ޓާމިނަލުގައި، 75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި، ކުޑަކުދިން ބެލެހެއްޓުމަށް ޚާއްސަ ‘ބޭބީ ކެއަރ’ ފެސިލިޓީއެއް ވެސް ހިމެނެއެވެ. މި މަޝްރޫޢު ނިމުމުން އެއްވަގުތެއްގައި ތިން ބޯޓަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އެއާޕޯޓަށް ލިބިގެންދާނެއެވެ.

ދަރަވަންދޫ އެއާޕޯޓުގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފަދަ ޒަމާނީ ފަރުމާއަކަށެވެ. މި ޓާމިނަލްއާއެކު އެއާޕޯޓުގެ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. އެގޮތުން ޖާގަ ތަނަވަސް އެރައިވަލް ހޯލަކާއި، ސެލްފް ސަރވިސް ކިއޮސްކްތަކާއި، ތިން ގޭޓު ހިމެނޭނެއެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މިއީ ބ. އަތޮޅާއި ދަރަވަންދޫގެ ތަރައްގީއަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދިނުމަށާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ދަރަވަންދޫ އެއާޕޯޓަކީ، މިހާރުވެސް ދުވާލަކު އެވްރެޖްކޮށް 8 ފްލައިޓް އޮޕަރޭޓް ކުރާ ބާރު ބޮޑު އެއާޕޯޓެއްކަން ފާހަގަކުރައްވާ އިޔާސް ވިދާޅުވީ، މިހާތަނަށް 42,000 އަށްވުރެ ގިނަ ފްލައިޓް މި އެއާޕޯޓަށް ޖައްސާފައިވާއިރު، 1.8 މިލިއަން ފަސިންޖަރުން މި އެއާޕޯޓުގެ ހިދުމަތް ހޯދާފައިވާ ކަމަށެވެ.

މިވަގުތު 99 މުވައްޒަފުން މަސައްކަތް ކުރާ މި އެއާޕޯޓުގެ ހިދުމަތްތައް ފުޅާކުރުމަކީ، 10,000 އަށްވުރެ ބޮޑު އާބާދީއެއް އޮތް ބ. އަތޮޅަށް ނުހަނު ބޭނުންތެރި ކަމެއް. މީގެ ސަބަބުން މި އަތޮޅުގެ ފަތުރުވެރި ކަމަށް އިތުރު އާރޯކަމެއް ލިބިގެންދާނެ.

– އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް

ދަރަވަންދޫ އެއާޕޯޓު ތަރައްޤީ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

ޖުލައި މަހުގެ ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ބެންކޮކަށް ޚާއްސަ ފެއަރއެއް ތައާރަފްކޮށްފި

maldivian

މޯލްޑިވިއަނުގެ ޗައިނާ ޖެނެރަލް ސޭލްސް އެޖެންޓަކަށް، މެގަކެޕް އޭވިއޭޝަން

މާލެއާއި ޑާކާއާ ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް އަލުން ފަށައިފި

Oo

މޯލްޑިވިއަންގެ ކަސްޓަމަރުންނަށް އުފާވެރި ޚަބަރެއް: ޓްރިވަންޑްރަމްގެ އަނަންތަޕޫރީ ހޮސްޕިޓަލުން ޑިސްކައުންޓް ލިބޭނެ