އިމަޖެންސީ ނޫން ޙަލަތްތަކުގައިވެސް އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތްދޭން ފަށައިފިއެވެ. މި ޚިދުމަތް ދޭން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ. އަދި މި ޚިދުމަތް ފެށީ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން، އެކަމަށް ސަރުކާރުން މަޝްވަރާކުރުމަށްފަހުކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ޚިދުމަތް ދޭ ގޮތަށް، ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް ސަރުކާރުން ވަނީ އިސްލާހު ގެނެސްފައެވެ. މިގޮތަށް މި ބަދަލު ގެންނަން ނިންމަވާފައިވާކަން ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާން ކުރައްވާފައެވެ. ރައީސް ވިދާޅުވީ މިއީ ފުޅާދައިރާއެއްގައި މަޝްވަރާ ކުރެވި، ގެނެސްފައިވާ ބަދަލެއް ކަމަށެވެ.
މީގެ ކުރިން އެމަރޖެންސީ ހާލަތްތަކުގައި އެކަނި އެމްބިއުލާންސް ޚިދުމަތް ދެމުން އައިސްފައިވާއިރު، މައްޔިތުން އުފުލުން ކަހަލަ ކަންކަމުގައި އެމްބިއުލާން ޚިދުމަތް ލިބެނީ ބިލްކުރާ އުސޫލުންނެވެ. މިހާރު ވަނީ 7 ޙަލަތެއްގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހޯދޭނެ ގޮތްތަކެއް ކަނޑައަޅާފައެވެ.
އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ޚިދުމަތް މިހާރު ހޯދޭނެ ހާލަތްތައް:
- އިމަރޖެންސީ ނުވަތަ ކުއްލި ހާލަތުގައި މީހުން ގެނައުމަށް
- މައްޔިތުން އެމްބިއުލާންސްގައި އުފުލުން
- އެނދުމަތިކުރެވިފައިވާ ފަރާތްތައް އައުޓްޕޭޝަން ޚިދުމަތް ހޯދުމަށް
- ވީލްޗެއަރ ބޭނުންކުރާ ފަރާތްތަކަށް އައުޓްޕޭޝަން ޚިދުމަތް ހޯދުމަށް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (ޖިސްމާނީ، ނަފްސާނީ، އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހިމެނޭ ގޮތަށް) އައުޓްޕޭޝަން ޚިދުމަތް ހޯދުމަށް
- ޞިއްޙީ މަރުކަޒުގައި އެނދުމަތި ކުރެވިފައިވާ ފަރާތްތައް އެހެން އިތުރު ފަރުވާއަށް އެހެން މަރުކަޒަކަށް ގެންދިއުމަށް
- އިވެކުއޭޓް ކުރެވޭ ހާލަތުގައި ބަލިމީހާ ޖެޓީ/އެއަރޕޯޓަށް ގެންދިއުމަށް
ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމާއި ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު