ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލައިފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ވަނީ މިއަހަރުގެ މާރިޗު މަހުގެ ގެޒެޓުކޮށްފައިވާ ބިންވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލާކަމަށް ބުނެފައެވެ. އަދި އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާ މިފުރުސަތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން ދޫކުރާ 1250 އަކަފޫޓުގެ ގޯތިތަކަށްކަމަށްވެސް އިޢުލާންގައިވެއެވެ.
ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލާފައިވާ އުސޫލުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ މައި ކެޓަގަރީތަކުގެ ތެރޭގައި ޖޮއިންޓް އެޕްލިކޭޝަން ހުށައަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކާއި، ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތަކެވެ. މިއުސޫލުގެ ދަށުން އެޕްލިކޭޝަން ހުށައަޅުއްވާނީ boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށްކަމަށް ބުނެފައިވެއެވެ. މިއުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށައަޅާއިރު ބޭނުންވާ ލިޔެކިޔުންތަކާއި ގުޅޭ މަޢުލޫމާތުވަނީ ގެޒެޓުގައި ޝާޢިއުކޮށްފައެވެ.
އެގޮތުން ކައިވެނިކޮށްގެން އުޅޭ ފަރާތެއްނަމަ ކައިވެނީގެ ސެޓްފިކެޓާއި އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް އޮތްނަމަ ބިމުގެ ނުވަތަ ފްލެޓުގެ ރަޖިސްޓްރީއާއި، ޙައްޤުތަކާއި ގުޅޭ އިޤްރާރާއި، އުފަންވީއްސުރެ މާލޭގައި އުޅޭކަން ނުވަތަ ފަހުން މާލޭގައި ރަށްވެހިވެފައިވާ ފަރާތެއްނަމަ ފަހުން މާލޭގައި ރަށްވެހިވިއިރު ފުރަތަމަ ރަށްވެހިވި މާލޭގެ އެޑުރެހެއްގައި ރަށްވެހިވި ތާރީޚާއި އެ ތާރީޚް އަންގައިދޭ ރަށްވެހިންގެ ރަޖިސްޓަރީ ފަދަ ލިޔުންތައް ހިމެނެއެވެ.
ރަސްމާލެ މަޝްރޫޢުއަކީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މުޅި މައްސަލައަށް ސަރުކާރުން ހޯދާ ޖުމްލަ ހައްލެވެ. ތިމާވެށްޓާ ރައްޓެހިގޮތަކަށް ތަރައްޤީކުރާ ރަސްމާލެ މަޝްރޫޢުއަށް ސަރުކާރުން ވަރަށް ޚާއްޞަ އަހަމިއްޔަތުކަމެއް ދެއްވައެވެ. އެ މަޝްރޫޢުގެ ބިން ހިއްކުން ވަރަށް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ހިޔާލު