ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ފޭސް ތިނެއްގައި 2000 ފުލެޓު ހެދުމަށް ހަތް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅައިފި

minister muthalib

ހުޅުމާލެ ފޭސް ތިނެއްގައި ފްލެޓް އިމާރާތްކުރަން ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި 2000 ޔުނިޓު އިމާރާތްކުރުމަށް ހަތް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ، 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލައިގެން، ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުން ކުރިއަށްގެންދާ ެރ މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.

މި ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެ ފޭސް އެކެއްގައި ހަދާ 364 ފުލެޓުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ސަރުކާރުން ގެންނަން ބޭނުންވާ ދެވަނަ ހައްލަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، ނަމަވެސް ހެޔޮ އަގުގައި ލިބޭނަމަ ގަތުމުގެ ގާބިލުކަން ހުރި އާއިލާތަކަށް ހާއްސަ ހައްލެއް ކަމަށާއި އެއީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އަމިއްލަ ކުންފުނިތަކުން އެންޑިއުޒާ ފައިނޭންސް މޮޑެލްގައި ގެނެސްދޭ ހައްލެއް ކަމަށެވެ.

“މި ދެންނެވި އުސޫލުން ފުލެޓު އިމާރާތްކޮށް، ހެޔޮ އަގުގައި ވިއްކުމަށް އެދޭ ކުންފުނިތަކަށް ފުރުސަތު ހުޅުވާލުމުން މިއަދު މުއްދަތު ހަމަވެގެން ދިޔަ އިރު، ހަތް ކުންފުންޏަކުން 2000 ޔުނިޓު އިމާރާތްކުރުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވޭ،” މިނިސްޓަރު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ އެކަމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި، ރާއްޖޭގައި ގެދޮރު އިމާރާތްކުރުމުގައި ހަރަކާތްތެރިވާ ބޮޑެތި ގިނަ ކުންފުނިތައް ހިމެނޭ ކަމަށާއި އެ މޮޑެލްގެ ދަށުން ފުލެޓުތަކުގެ އަގު ހެޔޮކުރުމަށްޓަކައި އެއްވެސް އަގަކާ ނުލައި ސަރުކާރުން ބިން ހަމަޖައްސައިދޭނެ ކަމަށެވެ. އެއީ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ގަންނަން ހުޅުވާލެވޭ ފުލެޓުތަކެއް ކަމަށްވުމާއެކު، ގަންނަ ފަރާތްތަކަށް ޖީއެސްޓީ ދައްކަން ނުޖެހޭ ގޮތް ވެސް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން އިމާރާތްކުރުމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ނުނެގުމަށް ވެސް ނިންމާފައިވާ ކަމަށާއި އެ ލުއިތަކާއެކު ތިން ކޮޓަރީގެ ފުލެޓެއް ވިއްކޭނެ އެންމެ ބޮޑު އަގެއް ކަމަށް 2.3 މިލިއަން ރުފިޔާ އަދި ދެ ކޮޓަރީގެ ފުލެޓެއް ވިއްކޭނެ އެންމެ ބޮޑު އަގެއް ކަމަށް ކަނޑައަޅާފައިވަނީ 1.8 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“މި މޮޑެލްގެ ދަށުން އަޅާ ފުލެޓުތައް ގަނެވޭނީ މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ ސްކީމުތަކަށް ޝަރުތު ހަމަވެ، ފުލެޓަށް އެދި ފޯމު ލާފައިވާ ފަރާތްތަކަށް. މި މޮޑެލްގެ ދަށުން ފުލެޓު ގަންނަން އެދޭ ނަމަ، މިހާރު ހުޅުވާލާފައިވާ ސްކީމުތަކަށް ފޯމު ހުށަހެޅުމަކީ ވަރަށް މުހިންމު ކަމެއް،” މިނިސްޓަރު ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ދަށުން ހަދާ ޔުނިޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގައި 950 އަކަފޫޓު ހުންނާނެއެވެ. އަދި ދެ ކޮޓަރީގެ ތަންތަނުގައި ހުންނާނީ 700 އަކަފޫޓެވެ. އަދި ކޮންމެ ތަނެއްގައި މަދުވެގެން 70 ޕަސެންޓު ހުންނަން ޖެހޭނީ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ.

އެ ތަންތަނުގައި ކާރު ޕާކުކުރާނެ ޖާގަ ވިއްކޭނެ އެންމެ މަތީ އަގަކީ 450،000 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި، 2028ގެ މެދުތެރޭ ނިންމައިލެވޭނެ

hulhumale

މާލެ ސަރަހައްދުން ފްލެޓާއި ބިން ދޫކޮށްލުމުގައި އަމަލުކުރާނެ އުސޫލު ސަރުކާރުން އާންމުކޮށްފި

’އާއިލީ ބޯހިޔާވަހިކަން’ ސްކީމުގެ ޚާއްސަ ކެޓަގަރީތަކުގެ ޝަރުތުތައް ބަދަލުކޮށް، ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މާލޭގެ ކަނޑުތޮށި މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި