އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން ހުއްޓުވާނެ ޤާނޫނީ އަސާސެއް ނެތްކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.
ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ.
ގާނޫނީ ވަކީލެއްކަމަށްވާ އައިކް އަޙްމަދު އީސާއާއި ގާނޫނީ ވަކީލް އިބްރާހީމް ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނު އަސާސީއާ ޚިލާފް ސުވާލެއް ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމަށެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ޤާނޫނު އަސާސީއާއި ގާނޫނުތަކުގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ޤާނޫނު އަސާސީއަށް ގެންނަ އެފަދަ ބަދަލަކާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓެއްގައި ޤާނޫނު އަސާސީއަށް ގެނެވޭ މުޅި އިސްލާޙުގައި ހިމެނޭ ހުރިހާ ކަމަކާ މެދު ފެންނަ ނުފެންނަ ވޯޓުގައި ސުވާލު ކުރަން ޖެހޭއިރު މިހާރު ސުވާލު އޮތީ މަޖިލީހުން ފާސްކުރި އިސްލާހުގައި ހިމެނޭ ކަންކަން ހިމެނޭ ގޮތަށްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން ފެންނަ ނުފެންނަ ވޯޓުގެ ސުވާލު މިހާރު އޮތީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށް ވިދާޅުވިއެވެ. މިއާއެކު ފެންނަ ނުފެންނަ ވޯޓު ހުއްޓުވެން ނެތް ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ޙުކުމް ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު