ބީއެމްއެލް އިން ކުރިއަށްގެންދާ “ބީއެމްއެލް އެފޯޑަބަލް ހައުސިން” މަޝްރޫއުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 1،190 ހައުސިން ޔުނިޓްގެ ބިންގާ މިރޭ އަޅައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބީއެމްއެލްގެ ހައުސިން ޔުނިޓްތައް އެޅުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާއެވެ.
އެ މަސައްކަތް ފަށްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްއާއި ބީޔޫސީޖީގެ އިސްވެރިންނެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި މި އަދަދަށް މިހާ އަވަސްމިނެއްގައި ތަފާތު ކޮންޓްރެކްޓަރުންނަށް ދީގެން، އަގު ހެޔޮކޮށް ފްލެޓް އެޅުމުގެ މަސައްކަތް، މި ބާރު މިނުގައި ހިންގާފައި ނުވާ ކަމަށެވެ.
މި ފްލެޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
“މަސައްކަތުގެ މި ބާރު މިނަކީ ދިވެހި އެތައް ހާސް އާއިލާތަކަށާއި، އަދި އަޅުގަނޑުމެންނަށްވެސް އުއްމީދާއި އުފަލާއި ހިތްހަމަޖެހުން ގެނުވާނެ ކަމެއް. މީގެ އިތުރުން މި ބިޔަ މަޝްރޫޢުގެ އަނެއް ކާމިޔާބީއަކަށް މިވަނީ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ރައްކާތެރި، އެކަށީގެންވާ އަދި އަތްފޯރާފަށުގައި ދިރިއުޅޭނެ ތަނެއް ހޯދައިދެވޭތީ،” އޭނާ ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ގައުމެއްގެ އިގްތިސާދީ ކުރިއެރުމާއި، އެ ގައުމެއްގެ ބޭންކިން ނިޒާމާ އޮންނަނީ ވަރަށް ބޮޑަށް ގުޅިލާމެހިފަ ކަމަށެވެ. އެގޮތުން ގައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ހިމެނޭކަން އޭނާ ވިދާޅުވިއެވެ.
ބީއެމްއެލް އިން ވަނީ ވިލިމާލެ އާއި ހުޅުމާލެ ފޭސް އެކެއްގައި ވެސް ފްލެޓް އެޅުމުގެ މަސައްތް އެކި ކުންފުނިތަކާ ހަވާލުކޮށްގެން ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު