ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފައްޓަވާފައިވާ “ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް” ގެ ތިންވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.
ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ، ޞިއްޙަތު ސަލާމަތުންހުރި ކޮންމެ ޒުވާނަކަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. މިއީ ޤައުމިއްޔަތަށް ލޯބިކުރާ، އަޚުލާޤު ރަނގަޅު، ޒިންމާދާރު އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކޮށް، މަސައްކަތުގެ މާޙައުލަށް ޒުވާނުން އަހުލުވެރިކުރުވުމުގެ މަތިވެރި މަޤުޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މުޅިން އައު މަޝްރޫޢެކެވެ.
ތިން މަސްދުވަހުގެ މުއްދަތަށް ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދާ މި ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގައެވެ. ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު އޭޕްރީލް 5 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ދިފާޢީ ވުޒާރާގެ ރިސެޕްޝަނަށް ހުށަހެޅުމަށް ނުވަތަ ‘[email protected]’ އަށް އީމެއިލް ކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުން 344 ޒުވާނުން ތަމްރީނު ފުރިހަމަކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދަސްވެނިވެފައިވާއިރު، އޭގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި 65 ކުދިން މިހާރު ދަނީ ބ. ކިހާދޫގައި ފަންނީ ތަމްރީނުތައް ހާސިލުކުރަމުންނެވެ. އަދި ފަންނީ ތަމްރީނަށް ނުހޮވޭ ބާކީ 241 ޒުވާނުންނަށް ސަރުކާރުން ވަނީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީފައެވެ. މީގެ އިތުރުން، މި ޕްރޮގްރާމުގެ ދެވަނަ ބުރުގެ ތަމްރީނުތައްވެސް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.
ކިޔުންތެރިންގެ ހިޔާލު