ފުވައްމުލަކު ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އޮޕަރޭޝަން ދާއިރާގެ މަލްޓި-ޑިސިޕްލިނަރީ ޓީމަކުން ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ދެ ދުވަހުގެ ރަސްމީ ޒިޔާރަތެއް ފަށައިފިއެވެ.
އައިޖީއެމް ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސީނިއަރ ސާރޖަނުންނާއި، އެނެސްތީޒިއޮލޮޖިސްޓުން އަދި އޮޕެރޭޝަން ތިއޭޓަރަށް ޚާއްޞަ ތަޖުރިބާކާރު ނަރުހުން ހިމެނޭ މި ޓީމުގެ ޒިޔާރަތް މިހާރު ފެށިފައިވާ ކަމަށެވެ.
މި ޒިޔާރަތަކީ ޞިއްޙީ ވުޒާރާއާއި، ފުވައްމުލަކު ސިޓީ ހޮސްޕިޓަލް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެން، ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން ފުވައްމުލަކު ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ތެރެއިން ކުރިއަށްދާ ޒިޔާރަތެއް ކަމަށް ވިދާޅުވިއެވެ.
އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި، މި ޓީމުގެ މައިގަނޑު މަޤްޞަދަކީ ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި މިހާރު ދެމުންދާ އޮޕެރޭޝަންގެ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާ އެކު އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ ލަފާ ދިނުމެވެ. އަދި މި ދަތުރުގެ ތެރެއިން، ޚިދުމަތްތައް ތަރައްޤީ ކުރުމަށް ބޭނުންވާ ކަންކަން ފާހަގަކޮށް ޚާއްޞަ ރިޕޯޓެއް އެކުލަވާލައި، ކަމާ ބެހޭ އިދާރާތަކާ ޙިއްސާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަތޮޅުތެރޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފުވައްމުލަކު ސިޓީއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ފުވައްމުލަކު ޓާޝިއަރީ ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް، މި އަހަރުގެ މެއި-ޖޫން ހިސާބުގައި ފެށިގެންދާނެ ކަމަށެވެ. ހަމައެއާ އެކު، ޓާޝިއަރީ ހޮސްޕިޓަލުގެ ތަރައްޤީގެ ރަސްމީ މަސައްކަތް ފެށުމުގެ ކުރިން، ހޮސްޕިޓަލުން ދެވެން ހުރި އެހެނިހެން ޚިދުމަތްތައް ވެސް ދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު