ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުމާލެ ފޭސް އެކެއްގައި 182 ފުލެޓް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ހުޅުމާލެ ފޭސް އެކެއްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ފުލެޓް ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ “ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް”އިން އެ ހައުސިން މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެފްޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. ޖުމްލަ ތިން ކޮޓަރި ހުންނަ އެ ފްލެޓުތަކުގެ ބޮޑުމިނަކީ 900 އަކަފޫޓެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ ހަމައެކަނި ފައިދާ ހޯދުން ނޫން ކަމަށެވެ. ޝަރީފު ވިދާޅުވީ ބީއެމްއެލްގެ އެންމެ އިސް މަސްއޫލިއްޔަތަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތަކަށް އިންވެސްޓުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
“އަޅުގަނޑު ދެކޭ ގޮތުގައި ބީއެމްއެލުން މި ހިންގާ މަޝްރޫއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މި ކުރެވޭ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،” ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ މާލޭ ސަރަހައްދުގެ އާބާދީ އެތައް ގުނައަކުން މަތިވަމުން ދިޔަ އިރު، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް އެހާ ރަނގަޅު މަސައްކަތްތަކެއް މީގެކުރިން ކުރެވިފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން އެތަކައް އާއިލާތަކުގެ ތެރޭގައި އިޖުތިމާއީ މައްސަލަތަކެއް އުފެދުނުކަމަށް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލުން މާލޭ ސަރަހައްދުގައި ޖުމުލަ 3،260 ހައުސިން ޔުނިޓު ހެދުމަށް ވަނީ ހަމަޖެހިފައެވެ. 3،260 ހައުސިން ޔުނިޓް ހެދުމަށް ބޭނުންވާ ބިން، ހައުސިން މިނިސްޓްރީން ވަނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏާ ހަވާލުކޮށްފައެވެ.
ގެދޮރު މިލްކުކުރުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން އެ ބޭންކުތަކުން ދޫކުރާ ލޯނުގެ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްއަށް މިހާރު ދޭން ޖެހެއެވެ.
ބީއެމްއެލުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދައާއެކު، “ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް”ގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައި ރަޖިސްޓްރީކޮށްފައެވެ. ސަރުކާރުން ބިންތައް ހަވާލުކުރީ އެ ކުންފުންޏާއެވެ. އެ ބިންތައް ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހުގައެވެ.
ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ތިނެއްގައި 2،960 ހައުސިން ޔުނިޓު އަދި ވިލިމާލޭގައި 300 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް ބީއެމްއެލުން ކުރިއަށްގެންދާނެއެވެ.
ބީއެމްއެލުން ވަނީ މިމަހުގެ 26 ވަނަ ދުވަހު ވިލިމާލޭގައި ހަދާ 300 ފުލެޓުގެ ބިންގާ އަޅައިފައެވެ. އަދި މިމަހުގެ 21 ވަނަ ދުވަހު ވަނީ ހުޅުމާލެ ފޭސް ތިނެއްގައި ހަދާ 1،224 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފައެވެ.
ކިޔުންތެރިންގެ ހިޔާލު